ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވާނީ ބަންޑާރަ ނައިބުގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގަވައިދު މާނަކުރުމަށް އެމްޑީޕީން ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 10 ޖަހާއިރު ބޭއްވުމަށް ސުޕްރީމްކޯޓުން ވަނީ ތާވަލުކޮށްފައެވެ. މި މައްސަލާގައި މަޖިލިސް ތަމްސީލު ކުރައްވާނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. މީގެކުރިންވެސް މަޖިލީހާއި ދެކޮޅަށް ހުށައެޅޭ މައްސަލަތަކުގައި މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވަމުން އައިސްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
ސުޕްރީމްކޯޓްގައި ބަންޑާރަ ނައިބުގެ އޮފީހުން މަޖިލިސް ތަމްސީލުކުރައްވާއިރު މި މައްސަލާގައި ބަންޑާރަ ނައިބު ލަދާ ދެއްވާފައިވަނީ މަޖިލީހުގެ ނިންމުމާއި ދެކޮޅަށެވެ. އެގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ހުށައެޅުމުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޑައިގެންފައިނުވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އެގޮތަށް ލަފާދެއްވުމުންނެވެ.
މަޖިލީހުގެ ރައީސްކަމުން، ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައެޅި މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ޤަރާރާއި ގުޅޭ ޖަލްސާއެއް ބޭއްވުމަށް މިދިޔަ މަހުގެ 29 ވަނަދުވަހު ފުރަތަމަ ފަހަރަށް އެޖެންޑާކުރިއެވެ. އެހެންނަމަވެސް މަޖިލީހުގެ ނާއިބް ރައީސް، ގަލޮޅު އުރުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ޑެންގީއަށް ފަރުވާ ހޯއްދެވުމަށް ސަލާމްގައި ހުންނެވުމުން މިހާތަނަށް އެ ޖަލްސާ ބޭއްވިފައެއް ނުވެއެވެ.
މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ. އެހެންނަމަވެސް މިފަހަަރުގެ ޖަލްސާ ކެންސަލްކުރީ އިވާ މަޖީލިހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެޑައިގަންނަވާކަމަށް ވިދާޅުވެ މަޖިލީހުގެ އަމީން އާންމުއަށް އިވާ ސިޓީއެއް ފޮނުއްވުމުންނެވެ. ސަބަބެއްކަމަށް އީވާގެ ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަގައި، ކޯޓުން ގޮތެއް ނުނިންމަނީސް، މަޖިލީހުން ވަކިގޮތެއް އިޚްތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ ޢަމަލުކުރަމުން އަންނަ ގޮތެއް ނޫން ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިޚްތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށްވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އީވާ ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ. މަޖިލީހުގެ ޤަވާއިދު އެގޮތަށް ބަޔާންކުރާތީ، ޖަލްސާ ކުރިއަށްގެންދެވޭނީ މަޖިލީހުގެ ނާއިބު ރައީސަށްކަމަށް މަޖިލީހުގެ އަމީން ޢާންމު ވަނީ ކަނޑައަޅުއްވާފައެވެ.
ނަމަވެސް އެމްޑީޕީގެ ޤާނޫނީ ޓީމުން ވަނީ ޢަމީން ޢާންމުގެ ނިންމުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާއި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފުކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. އަދި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއާއި ހަވާލާދީ އެމްޑީޕީން ބުނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން މަޖލީހުގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ތެރެއަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ވަދެފައެވެ. އަދި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުންވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ.
މި މައްސަލަ ބައްލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.