އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އޮފީހުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެގޮތެއް ހޯދުމަށް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓަށް އެމްޑީޕީއިން މި މައްސަލަ ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްއަށް އޮތުމަށް މަޖިލީހުން ގަވައިދު މާނަކުރާތީ އެނޫން ގޮތަކަށް އެކަން މާނަކުރުމަށެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވަމުން ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ، ހުށައެޅިފައި މިއޮތް މައްސަލައާ ގުޅިގެން އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެއީ މަޖިލިސް ޖަލްސާ ހުއްޓުމަކަށް އަންނަން ޖެހޭވަރުގެ މައްސަލައެއްކަމަށް މި މައްސަލަ ނުދެކޭތީކަމަށް ވަކީލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ ވަކީލް ފާތުމަތު ހަލީމް މިހެން ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސްގެ ޒިންމާ އަދާކުރުމަށް ވަރަށް ސާފުކޮށް މަޖިލިސް ގަވާއިދުގެ 42 މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، އެޒިންމާ މަޖިލީހުގެ އިތުރު އެއްވެސް މީހަކަށް އަދާނުކުރެވޭނެކަމަށް ދެއްކެވި ވާހަކަފުޅަށް ރިޔާޔަތްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މި މައްސަލައަށް ވަކާލާތު ކުރަމުން ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލީހުގެ ރައީސްއާއި، މަޖުލީހުގެ ނާއިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެކަމަށް އޮތްނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ ޒިންމާ އެ މެންބަރުންނަށް އަދާކުރެވޭނެކަމެއް ނޫންކަމަށެވެ.