ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އަލް-ޤުދުސް ހޮސްޕިޓަލުން ތެޔޮ ހުސްވެ، ކަރަންޓުގެ ޚިދުމަތް ކެނޑޭނެ ކަމުގައި ފަލަސްޠީނުގެ ރެޑް ކްރެސެންޓުން އިންޒާރު ކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ، ކަރަންޓުގެ ޚިދުމަތް ކެނޑުމާ އެކު އެ ހޮސްޕިޓަލުން ދެމުންދާ ގިނަ ޚިދުމަތްތަކެއް ހުއްޓުމަކަށް އަންނާނެ ކަމުގައެވެ. އަދި، އެ ތަން ބަންދު ކުރަން ޖެހޭނެ ކަމުގައެވެ.
"އެ ހޮސްޕިޓަލްގެ ހާލަތު މި ވަގުތު އޮތީ ވަރަށް ދެރަކޮށް. އަދި، ނާޒުކު ހާލަތެއްގައި،" ރެޑް ކްރެސެންޓުން ބުންޏެވެ. އެ ޖަމުޢިއްޔާއިން ވަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އަވަސް ކުރުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އަލް-ޤުދުސް ހޮސްޕިޓަލް ބަންދު ކުރަން ޖެހޭނެ ކަމުގެ އިންޒާރު ކޮށްފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,328 އަށް އަރާފައެވެ. މި ގަތުލުއާންމަށް މިއަދު އެއް މަސް ފުރޭއިރު، ފަލަސްޠީނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އަރާފައެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް ޒަރޫރީ ސާމާނު ވެއްދުމަށް ޔަހޫދީ ހުރަސް އެޅުމުން ޣައްޒާގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ހާލަތު ވަނީ ގޯސްވެފައެވެ. ބޭސްފަރުވާއަށް ބޭނުންވާ ގިނަ ސާމާނު މިހާރު ވަނީ ހުސްވެފައެވެ. ބޭހެއް ވެސް ނެތެވެ. އަދި، ސާފު ބޯފެނާއި ކާބޯތަކެތި ވެސް ވަނީ ހުސްވެފައެވެ.
ރެޑް ކްރެސެންޓުން ބުނީ އަލް-ޤުދުސް ހޮސްޕިޓަލް ހުންނަ ސަރަޙައްދަށް ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ހަމަލަ ދެމުންދާ ކަމުގައެވެ. އެ ތަނުގައި ޢާންމުންގެ 14,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ކަން ހޯދަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
"ޔަހޫދީން އެންމެ ފަހުން ދިން ހަމަލަތަކުގައި ވެސް 60 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލި. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ބަލި މީހުން ވެސް ހިމެނޭ. ހޮސްޕިޓަލް ޢިމާރާތުގެ ބޮޑު ބަޔަކަށް ވެސް ވަނީ ގެއްލުން ލިބިފައި. ސުންނާފަތި ކޮށްލާފައި އެމްބިޔުލާންސްތައް ވެސް ވަނީ ހަލާކު ކޮށްލާފައި،" ރެޑް ކްރެސެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލް-ޤުދުސްގެ އިތުރުން ޣައްޒާގައި ހިންގަމުންދާ އެހެން ހޮސްޕިޓަލްތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހަމަލަ ދެމުންނެވެ. އޭގެ ތެރޭގައި ތަފާތު ހަތަރު ހޮސްޕިޓަލް ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސް ހިމެނެއެވެ. އެ ތަނަށް ދީފައިވާ ހަމަލަތަކުގައި ހޮސްޕިޓަލްތަކުގެ ޢިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ހޮސްޕިޓަލްތައް ހުންނަ ސަރަޙައްދުތަކަށް ބޮން އަޅަން ފެށުމުގެ ކުރިން ޔަހޫދީން ވަނީ ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައެވެ. އެއީ، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފޮރުވަން ހިންގި އަމަލެކެވެ. ހޮސްޕިޓަލްތައް ހުންނަ ސަރަޙައްދުތަކަށް އެންމެ ފަހުން ދިން ހަމަލަތަކުގައި ވެސް އަށް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނެއެވެ.
ޣައްޒާގައި ހުންނަނީ ޖުމުލަ 35 ހޮސްޕިޓަލެވެ. އޭގެ ތެރެއިން 16 ހޮސްޕިޓަލް މިހާރު ވަނީ ބަންދު ކޮށްފައެވެ. އެ ތަންތަން ބަންދު ކުރަން ޖެހުނީ، ޔަހޫދީ ފައުޖުން ދީފައިވާ ހަމަލަތަކުގެ ސަބަބުންނެވެ. އަދި، އެ ތަންތަން ހިންގަން ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެންނެވެ. ޣައްޒާގައި ހިންގާ 72 ޕްރައިމަރީ ހެލްތްކެއާ ކްލިނިކުތަކުގެ ތެރެއިން 51 ކްލިނިކު ވެސް މިހާރު ވަނީ ބަންދު ކޮށްފައެވެ. ޔަހޫދީންގެ ޖައްބާރު އަމަލުތަކުގެ ސަބަބުންނެވެ.