ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި "ވެލްވުމަން ކްލިނިކް"ގެ ޚިދުމަތް ފަށައިފި


  • މީޢި އަންހެނުންނަށް ޚާއްސަ ކްލިނިކެއް

  • މިކްލިނިކުން އުރަމަތީގެ ކެންސަރުގެ ފަރުވާއާއި ރަހިމުގެ ދޮރަަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރާނެ

  • މިހޮސްޕިޓަލްގައި އެމްއާރްއައިގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރުގެ (އުފަންވެނި ކްލިނިކް)ގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ފަރުވާދިނުމަށް ވެލްވުމަން ކްލިނިކެއް ހުޅުވައިފިއެވެ. މިއީ ރީޖަނަލް ލެވެލްގައި ފެށި ފުރަތަމަ ވެލްވުމަން ކްލިނިކެވެ.

"ވެލްވުމަން ކްލިނިކް"ގެ ޚިދުމަތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވީ މިކުލިނިކަކީ އަންހެނުންނަށް ޚާއްސަކޮށްގެން ހުޅުވި ކުލިނިކެއްކަމަށެވެ. މިކްލިނިކްގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ދެ ސްޕެޝަލިސްޓުން މަސައްކަތް ކުރާނެ ކަމަށް މާހިރު ވިދާޅުވިއެވެ.

މިކުލިނިކުން އުރަމަތީގެ ކެންސަރުގެ ފަރުވާ ދިނުމުގެ އިތުރުން ރަހިމުގެ ދޮރަަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރެވޭނެއެވެ. މާހިރު ވިދާޅުވީ އަންހެނުންނަށް ދިމާވާ މިފަދަ ބަލިތައް އަވަހަށް ދެނެގަނެވި އަވަސް ފަރުވާ ހޯދޭނެމަގު މިކްލިނިކްގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.

"މީގައި އެންމެ ބޮޑަށް އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތަކަށް އަމާޒު ކުރެވިފައިވާނެ. ދެން މިބުނި ދެކަންތަކުގެ އިތުރުން އަންހެނުންގެ އުރަމައްޗައް އަންނަ ބަދަލުތައް އަމިއްލައަށް ދެނެގަތުން، އެކަން ދެނެގަނެވުނީމައި އާރލީ ސްޓޭޖްގައި ބައްޔެއް ހުރި ނަމަ އެކަމަށް ފަރުވާ މިކްލިނިކްގެ ސަބަބުން ލިބިގެން ދާނެ" މާހިރު ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ މިކްލިނިކުން ހަފްތާއަކު 5 ދުވަހު ޚިދުމަތް ދޭނެ ކަމަށެވެ، އެގޮތުން މާބަނޑު މީހުންނަށް ތިން ދުވަސް ޚާއްސަކޮށްފައިވާއިރު އަނެއް 2 ދުވަސް ޚާއްސަކޮށްފައިވަނީ އަންހެނުންގެ އެހެން ބަލިތަކަށް ފަރުވާ ދިނުމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއާރްއައިގެ ޚިދުމަތް ފެށުމަށްޓަކައި އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މާހިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއާރްއައި ހެދުމަށް ބޭނުންވާ މެޝިނަރީޒް ރާއްޖެ ގެނެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާއާއި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތްވެސް އެހޮސްޕިޓަލުގައިވަނީ ފަށާފައެވެ.