ޚަބަރު

ކާބޯތަކެއްޗާއި ފެނާއި ސިއްޙީ ފަރުވާ ނުލިބި މަހަކަށްވުރެ ގިނަ ދުވަސް


ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމަށްވާ ފަލަސްތީނުގެ ޣައްޒާއަށް އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުގެ ފައުޖުތަކުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި 4،237 ކުޑަކުދިން ހިމެނޭ ގޮތަށް މިހާތަނަށް ފަލަސްތީނުގެ 10،528 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި އެ މުއްދަތުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 25،965 އަށް ވަނީ އުފުލިފައެވެ. ގާތްގަޑަކަށް އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އޮކްޓޫބަރު 9 ވަނަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ބަންދުތައް އިތުރަށް ވަރުގަދަކޮށް ފެނާ ކާބޯތަކެތި އެތެރެކުރުމަށްވެސް ހުރަސްއަޅާފައެވެ. އަދި އޭގެ ދެ ދުވަސް ފަހުން ކަރަންޓު ކަނޑާލައި އެހީ އާއި ތެޔޮ އެތެރެކުރުމަށްވެސް ހުރަސްއެޅިއެވެ.

ފެނުގެ ދަތިކަން އިންތިހާއަށް ބޮޑު

މެދުކެނޑުމެއްނެތި ހަމަލާތައް ކުރިއަށް ގެންދާއިރު، ޣައްޒާގެ ބޭނުންވާ ފެނާއި ކާބޯތަކެތި އަދި ސިއްޙީ ފަރުވާދޭ ސާމާނުވެސް ލިބުން އޮތީ ދަތިވެފައެވެ. މިހާލަތަށް ޣައްޒާ ދިޔުމުގެ ކުރިންވެސް އިންސާނީ ޙައްޤުތަކާބެހޭ ޖަމިއްޔާތަކުން އައީ ޣައްޒާގެ ފެނުގެ ހާލަތު ގޯސް ކަމަށް ބުނަމުންނެވެ. ޣައްޒާގައި ލިބެން ހުރި ބޯ ފެނުގެ %97 އަކީ އިންސާނުން ބުއިމަށް ކަމުދާ ފެން ނޫންކަމަށް ގްލޯބަލް އިންސްޓިޓިއުޓް ފޮ ވޯޓާ، އެންވަޔަރަންމަންޓް އެންޑް ހެލްތު އަދި ޔޫރޯ މެޑިޓެރޭނިއަނުން 2021ވަނަ އަހަރު ވަނީ ހާމަކޮށްފައެވެ.

ހަނގުރާމައިގެ މި ހާލަތުގައި ކަރަންޓުވެސް ނެތުމުން ޑީސެލިނޭޝަން ޕްލާންޓުތަކާއި ތަޣައްޔަރުވެފައިވާ ނަޖިސް ފެން ބޭރުކުރާނެ ގޮތެއްވެސް ނެތުމުން ޣައްޒާގައި ބުއިމަށް ބޭނުންކުރާ ފެނުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ޣައްޒާގެ އާންމުން މިހާރު ބުއިމަށް ބޭނުންކުރަނީ ތަޣައްޔަރުވެފައިވާ ލޮނު ފެނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ އިން ބުނާ ގޮތުގައި އާންމުކޮށް ދުވާލަކު މީހަކަށް 50 އާއި 100 ލީޓަރާއި ދެމެދުގެ ފެން ބޭނުންވެއެވެ. ނަމަވެސް ޣައްޒާގެ އާންމުންނަށް މިހާރު ދުވާލަކު އެވްރެޖްކޮށް ލިބެނީ 3 ލީޓަރުގެ ފެނެވެ. އެއީ ބުއިމާ، ސާފުތާހިރުވުމަށާއި، އެނޫންވެސް ފެން ބޭނުންކުރާ ހުރިހާ ކަމަށް ލިބޭ މަދު ފެންފޮދެވެ.

އެކަށީގެންވާ ވަރަށް ފެނާ ކާބޯތަކެތި ނެތުމުގެ ސަބަބުން ކުރާ އަސަރުތަކަކީ ކޮބާ؟

އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ފެން ނުލިބުމުން ނުވަތަ ފެން މަދުވުމުން ދިމާވެދާނެ ސިއްޙީ މައްސަލަތަކަށް ބަލާއިރު، ކިޑްނީ މައްސަލަތަކާއި، ހިތުގެ މައްސަލަތައް ފާހަގަކޮށްލެވެއެވެ. ޑީހައިޑްރޭޝަން ނުވަތަ ފެންމަދުވުމުގެ ސަބަބުން ކުޑަކުދިން މަރުވުންވެސް އެކަށީގެންވެއެވެ. ބޮލުގައި ރިއްސުމާއި، ބޯއެނބުރުން އަދި ހިތުގެ ހިނގުން އަވަސްވުން ފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ފެނުގެ އިތުރުން ޣައްޒާގެ އާންމުން މިހާރު ތިބީ ކާނާއަށްވެސް ޖެހިފައެވެ. އ.ދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެ.ފްއޭ.އޯ އިން ހާމަކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ ކުރިންވެސް ޣައްޒާގެ %80 މީހުން ތިބީ ކާބޯތަކެއްޗަށް ޖެހިފައެވެ.

2.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގާތްގަނޑަގަކަށް ދެބައި ކުޅަ އެއްބައި މީހުން އޭރުވެސް ކާބޯތަކެތި ހޯދުމަށް ބަރޯސާވެފައި ތިބީ ޣައްޒާގައި ހުންނަ އ.ދ.ގެ ރެފިއުޖީ އޭޖެންސީ، ޔޫ.އެން.އާރް.ޑަބްލިޔު އަށެވެ. އަދި ހަމަލާތައް ފެށުމުގެ ކުރިން އެވްރެޖްކޮށް ދުވާލަކު 500 އެހީގެ ޣާފިލާ ޣައްޒާހެ އެތެރެއަށް ވަންނަ ކަމަށްވެސް އ.ދ.އިން ބުނެއެވެ.

އ.ދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާރޒް، އޯ.ސީ.އެޗް.އޭ އިން ބުނާ ގޮތުގައި އޮކްޓޯބަރު 21އިން ފެށިގެން މަދުވެގެން 451 އެހީގެ ޣާފިލާ ޣައްޒާއަށް ވަދެފައިވާއިރު، އޭގެ ތެރެއިން 158 ޣާފިލާއަކީ ކާބޯތަކެތި ހިފައިގެން ދިޔަ ޣާފިލާތަކެވެ. 102 ޣާފިލާގައި ސިއްޙީ ފަރުވާދޭ ސާމާނު ގެންދިޔައިރު، 44 ޣާފިލާގައި ފެން ނުވަތަ ސާފުތާހިރުވާން ބޭނުންވާ ސާމާނު އެތެރެކުރިއެވެ. ކާބޯތަކެތި ނޫން ސާމާނު ހިފައިގެން 32 ޣާފިލާއެއް ޣާއްޒާއަށް ވެދަފައިވެއެވެ.

ނަމަވެސް ޣައްޒާއަށް ތެޔޮ އެތެރެކުރުން ޔަހޫދީ އިސްރާއީލުން އަދިވެސް އޮތީ މަނާކޮށްފައެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް، ޑަބްލިއު.އެފް.ޕީ އިން ބުނާ ގޮތުގައި ޣައްޒާގައި ރައްކާކޮށްފައި ހުރި ކާބޯތަކެތީގެ ހުސްވަމުން އަންނައިރު، މިހާރު ބާކީ ހުރީ އެންމެ ފަސް ދުވަހަށްވާ ވަރަށެވެ.

ޣައްޒާގެ ބޭކަރީތައް ހުޅުވާފައި ހުރި ނަމަވެސް، ކިޔު ހަދައިގެން ގިނަ ބަޔަކު ތިބުމުގެ ސަބަބުން އެ ތަންތަނުން އާންމުކޮށް ކާއެއްޗެހި އުފައްދާ ވަރަށް ވުރެ 6 ގުނަ އިތުރަށް އުފައްދަން ވަނީ ޖެހިފައެވެ. އެތަންތަނުން ލިބެނީވެސް ހަމައެކަނި ޕާން ނުވަތަ ރޮއްޓެވެ.

ކާނާ ނުލިބުމުން ކުޑަކުދިންނަށް ގެއްލުންވަނީ ކިހިނެއް؟

ކޮންމެ އިންސާނެއްގެ ހަށިގަނޑުވެސް ދުޅަހެޔޮކަންމަތީ ބެހެއްޓުމަސް މިން ހަމަ ކާނާ ބޭނުންވެއެވެ. ކޮންމެހެންވެސް ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި އެނޫންވެސް ނިއުޓްރިޝަންސް ހުންނައިރު، ކުޑަކުދިންގެ ސިކުނޑި ތަރައްޤީވުންވެސް ބަރޯސާވެފައި އޮންނަނީ އެކުދިންނަށް ދެވޭ ރަނގަޅު ކާނާގެ މައްޗަށެވެ. މިއާއިއެކު ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ނުލިބުމުން އޭގެ އަސަރު ވަރަށް އަވަހަށް ކުރެއެވެ.

ޑަބްލިޔު.އެޗް.އޯ އިން ހާމަކުރާ ގޮތުގައި ކުޑަކުދިންނަށް ބޭނުންވާ ކާނާ މަދުވުމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުން މަޑުޖެހި، ބަރުދަން ލުއިވުމާ ގުޅުން ހުރި މައްސަލަތައް ކުރިމަތިވެއެވެ. ކާނާ ނުލިބުމަކީ ކުދިންގެ ޖިސްމާނީ އަދި ސިކުނޑީގެ ތަރައްޤީއަށް ވާސިލުނުވެވިދާނެ ކަމެކެވެ. ބަލިތަކާއި ފުރާނައަށް ނުރައްކާވާ ކަންކަމަށް ކުދިން ހުށަހެޅިގެން ދިއުމުގެ ފުރުސަތުވެސް ބޮޑު ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މާބަނޑު ދުވަސްވަރު އެކަށީގެންވާ ކާނާ ނުލިބުމަކީވެސް ތުއްތު ކުއްޖާ ވިހެއުމުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ.

ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ނެތުން

ކާނާއާއި ފެން ލިބުން އިންތިހާއަށް އުނދަގޫ އިރު ޣައްޒާގެ އާންމުން މިވަގުތު ތިބީ ބޭސް ފަރުވާ ލިބޭ ހާލަތެއްގައެއްވެސް ނޫނެވެ.

ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ތިބީ ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކުން އެކަށީގެންވާ ފަރުވާ ނުލިބި ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ހާމަކުރެއެވެ. މާބަނޑު އަންހެނުން ވިހަމުން އަންނަނީ އެމީހަކު ހުރި ހިސާބެއްގައި ކަމަށާއި، ހޮސްޕިޓަލް ހުރި ހިސާބަކަށް ދެވެން ނެތްއިރު، އެކަށީގެންވާ ސިއްޙީ ފަރުވާދޭ ސާމާނު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައިވެސް މާބަނޑު އަންހެންނުންނާއި އެނޫންވެސް ބަލި މީހުންގެ އޮޕްރޭޝަންތައްވެސް ކުރަނީ ހޭނުނައްތައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޣައްޒާގައި މަދުވެގެން ދުވާލަކު 180 މީހުން ވިހާއިރު، އަވަސް ފަރުވާ ނުލިބުމުގެ ސަބަބުން މައިންނާއި ތުއްތު ކުދިން މަރުވާ ރޭޓުވެސް ވަނީ އިތުރުވެފައެވެ.

ތޮއްޖެހިފައިވާ ޔޫ.އެން.އާރު.ޑަބްލިއު.އޭ.ގެ ހިޔާތަކުން ދަނީ ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކާއި، ބޭރަށްހިންގުން އަދި ވަރަށް ފަސޭހައިން ގައިގަޔަށް އަރާ ބައްޔެއް ކަމަށްވާ، ފާނަބަސަންދުގެ މައްސަލަތައް ރިޕޯޓް ކުރަމުންނެވެ. ހިޔާތަކުގައި ތިބެންޖެހޭ މިންވަރަށްވުރެ އިތުރަށް މީހުން ތިބިއިރު، ބައެއް މީހުން މިހާރު ދިރިއުޅެމުން އަންނަނީ މަގުމަތީގައެވެ. ނޭވާލާ ނިޒާމުގެ 25،000 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ބޭރަށް ހިންގައިގެން ރިޕޯޓުކޮށްފައިވާ 12،000 މައްސަލަ އެބައޮތް ކަމަށް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.