ޔަހޫދީ ފައުޖުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލަތަކުން ސަލާމަތްވުމަށް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މުސްލިމުން އެހެން ސަރަޙައްދުތަކަށް ބަދަލުވާން ފަށައިފިއެވެ. ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާއިރު، ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދަނީ އެ ސަރަޙައްދަށް އަރަން މަސައްކަތް ކުރަމުންދާ ޔަހޫދީ ފައުޖުތަކާ ކުރިމަތިލައި ހަނގުރާމަ ކުރަމުންނެވެ.
ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތައް ހުސް ކުރަން ޔަހޫދީން ދާދި ފަހުން ވަނީ ހަތަރު ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އަދި، އެ މުހުލަތު މަހަވުމުން އެ ސަރަޙައްދަށް ބޮން އެޅުން އިތުރު ކުރާނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ. ޣައްޒާގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު އަރާފައެވެ.
ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް ހުސް ކުރަން ޔަހޫދީން އެންގި ނަމަވެސް، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުން ދާނެ ތަނެއް ނެތެވެ. ސަބަބަކީ، ޔަހޫދީންގެ ފުރަބަންދެވެ. ޢައްޒާގެ އުތުރުން ފޭބުމަށް ފަހު އެ މީހުން ދަތުރު ކޮށްފައި ވަނީ ޢައްޒާގެ މެދުތެރެއާއި ދެކުނުގައިވާ ސަރަޙައްދުތަކަށެވެ.
ޢައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ސަހަރުގެ ދެކުނުގައިވާ ސަރަޙައްދުތަކަށް ދަތުރު ކުރަން ފެށުމުން ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުތަކަށް ވެސް ބޮން އެޅުން އިތުރު ކޮށްފައެވެ. ޢައްޒާގައި މިހާރު ރައްކާތެރި އެންމެ އިންޗިއެއްހާ މިންވަރު ވެސް ނެތެވެ.
ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ހަމަލަތައް އަމާޒު ކޮށްފައި ވަނީ ރެފިއުޖީ ކޭމްޕުތަކަށެވެ. އޭގެ ތެރެއިން ނުޞައިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ ގެއަކަށް ދިން މިސައިލް ހަމަލައެއްގައި، އެ ގޭގައި ދިރިއުޅޭ ޢާއިލާގެ 18 މެންބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، ޚާނިޔޫނުސްގައި ހުންނަ ގެއަކަށް ބޮން އަޅައި އިތުރު ހަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,569 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,300 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ދީފައިވާ ހަމަލަތަކުގައި 214 މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ޔަހޫދީންގެ އިސްތިޢުމާރީ ސިފައިންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އެންމެ ހޫނުކޮށް ހަމަލަތައް ބަދަލު ކުރަމުން ދަނީ އަލް-ޝައްޠީ ރެފިއުޖީ ކޭމްޕު ކައިރީގައި ކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެ ސަރަޙައްދަށް ވަންނަން މަސައްކަތް ކުރި ޔަހޫދީންގެ އަސްކަރީ ޓޭންކެއް ޙަމާސްގެ ހަތިޔާރު އެޅި ގޮފި – ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ މުޖާހިދުން ވަނީ ގޮއްވައިލާފައެވެ.