ޚަބަރު

އައު ސަރުކާރުގައި އައްޑޫއަށް ފުރިހަމަ ތަސައްވުރެއް އެބައޮތް، ބަދަލުކޮށްލާނެ: ޣައްސާން


  • އައްޑޫ ސިޓީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ހިމަނާފައިވާކަމަށް

  • އައްޑޫގެ ރައްޔިތުންނަށް ސިއްހީ އެންމެހާ ޚިދުމަތްތައް ތަޢާރަފްކޮށްދޭނެކަމަށް

  • ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެންންނާނެކަމަށް

އައްޑޫ ސިޓީގެ ރައްޔިތުން މާލެއަށް ބަރޯސާނުވެ ހުރިހާ ޚިދުމަތެއް ލިބޭނެ ތަސައްވުރައެކު އެ ސިޓީއަށް ޚާއްޞަ އިސްކަމެއް އައު ސަރުކާރުން ދެއްވާނެކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހީންގެރާއްޖެ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން މައުމޫން ވިދާޅުވީ އައު ސަރުކާރުގެ ވެރިކަމުގެ ތެރޭގައި އައްޑޫ ސިޓީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ މާލެފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ ބޮޑު ސަރަހައްދަށް ވާތީކަމަށް އިންތިޚާބީ ރައީސް ދެކެވަޑައިގަންނަވަނީ ރާއްޖޭގެ މުޅި އިޤްތިޞާދު ކުރިއެރުވުމުގައި އެ ސިޓީގެ ހިއްސާ ބޮޑުކަންކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.


އައްޑޫ ސިޓީގެ ރައްޔިތުން މާލެ އައުމުގެ ބަދަލުގައި އެ ސިޓީން ސިއްހީ އަދި އެނޫންވެސް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ޑރ. މުޙައްމަދު މުޢިއްޒުގެ 5 އަހަރުގެ ތެރޭގައި ކުރެއްވުމަށް ރާއްވަވާފައިވާކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"އައްޑޫ ސިޓީއަކީ މާލެ ސިޓީ ނަގާފައި އެންމެ އާބާދީ ބޮޑު ސިޓީ. ރައީސް މުޢިއްޒު ގަބޫލުފުޅުކުރައްވާގޮތުގައި އައްޑޫ ސިޓީއަކީ ދިވެހި މުޅި އިޤްތިޞާދު ކުރި އެރުވުމުގައި ދިވެހިރާއްޖެ ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހިއްސާއެއްވާނެ ތަނެއް. އެހެންވެގެން ވަރަށް މުހިންމުކަން އައްޑޫ ސިޓީއަށް ދެއްވާފައި އެ އޮތީ. ހަމަ އެސިޓީއަށް އެކަން ހައްގުވާތީ." ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ޑރ.މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކަކީ ފުއްދޭނެ ކަމުގެ ޔަގީންކަން ކަށަވަރުކޮށް ކުރައްވާފައިވާ ވައުދުތަކެއް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި އެ ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.


އައު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުން ކަމަށްވުމާއެކު ޑރ.މުޢިއްޒުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދައި، ގައުމާ މެދު ފަޚުރުވެރިވާ ދަރިންތަކެއް ޤާއިމްކޮށް، ދައުލަތް ހިމާޔަތްކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އެގޮތުން އެންމެ ތުއްތު ކުދިން ފެށިގެން ގައުމަށްޓަކައި އެކުދިންގެ ހިތްތަކުގައި ލޯބި އަށަގެންނެވުމުގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަން ފެށުމާއެކު ކުރަން ފަށްޓަވާނެކަމަށްވެސް ޣައްސާން މައުމޫން ވިދާޅުވިއެވެ.