ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އޮކްޓޫބަރު 7 ވަނަ ދުވަހު ރަހީނު ކުރި ޔަހޫދީންގެ ތެރެއިން 70 އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސްއިން އެ މީހުން ރަހީނު ކޮށްފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޒަޔަނިސްޓު އިސްރާޢީލުގެ ރަށްތަކަށް އަރައި ހިންގި އަސްކަރީ ކެމްޕޭނުގައެވެ.
ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި – ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނީ އަސީރުންގެ ތެރޭގައި ހިމެނޭ 70 އެއްހާ އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން އެ ޖަމާޢަތުން ތައްޔާރު ކަމަށާއި، މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ ޤަޠަރުގެ އޮފިޝަލުންނާ އެ ކަން ހިއްސާ ކޮށްފައިވާނެ ކަމުގައެވެ. އަދި، އަސީރުން މިނިވަން ކުރާނީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފަސް ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވުމުން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
"އަސީރުން މިނިވަން ކުރުމާ ގުޅޭގޮތުން ޤަޠަރާ އެކު މި ދަނީ މަޝްވަރާ ކުރަމުން. [ޙަމާސްއިން] ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރާނީ [ޔަހޫދީން] ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ 200 ކުޑަކުދިން މިނިވަން ކުރުމުން،" އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވިއެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރާނީ ޣައްޒާއަށް ދެމުންދާ ހަމަލަތައް މެދުކަނޑައިލާ، އެ ސަހަރުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޔަހޫދީން އެއްބަސްވުމުން ކަމުގައި ވެސް އަބޫ އުބައިދާ ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީން ދަނީ އެ ކަމަށް އެއްބަސްވާން ދެކޮޅު ހަދަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,200 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށްވުރެ މައްޗަށް އުފުލިފައެވެ.