ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ވަރުގަދަ ހަމަލަތަކެއްދީ 30 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. މިއީ، އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޣައްޒާގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ވަރަގަދަ ހަމަލަތަކެއް ދީފައިވާ ހަތަރު ވަނަ ފަހަރެވެ. މި ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން އެމެރިކާގެ އެހީތެރިކަމާ އެކު ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,200 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,600 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ޝަހީދު ކޮށްލާފައިވާ އަންހެނުންގެ ޢަދަދު ވެސް 3,130 އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,000 އަށްވުރެ މައްޗަށް އުފުލިފައެވެ.
ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ގެ އުދުވާން ފެށުމަށް ފަހު އެއާ ޖެހިގެން އައި ދުވަހު ޖަބާލިޔާއަށް ވަރުގަދަ ހަމަލަތަކެއް ދިނެވެ. އެ ކޭމްޕުގައި ހުންނަ ހޮސްޕިޓަލް ކައިރީގައި ހުންނަ ގެއަކަށް ދިން ހަމަލާގައި އެ ގޭގައި ދިރިއުޅޭ ޢާއިލާގެ 19 މެންބަރުން ޝަހީދު ކޮށްލިއެވެ. އަދި، އެއަށްފަހު އޮކްޓޫބަރު 31 ވަނަ ދުވަހާއި، ނޮވެންބަރު 1 ވަނަ ދުވަހު ވެސް އެ ކޭމްޕަށް ހަމަލަދީ ގިނަ ޢަދަދެއްގެ ޢިމާރާތްތައް ސުންނާފަތި ކޮށްލިއެވެ. އެ ހަމަލަތަކުގައި ޝަހީދު ކޮށްލި މީހުންގެ ޢަދަދު 195 އަށް އަރައެވެ.
ޔަހޫދީ ފައުޖުން ބުނީ ޖަބާލިޔާއަށް ބޮން އަޅައި ގިނަ ޢަދަދެއްގެ މުސްލިމުންގެ ފުރާނަ ނަގައިލާ، އެތަކެއް ސަތޭކަ ބަޔެއްގެ ލޭއޮހޮރުވައިލާފައި ވަނީ އެ ކޭމްޕުގައި ފިލައިގެން އުޅުނު ޙަމާސް ޖަމާޢަތުގެ ދެ ކޮމާންޑަރުން ޝަހީދު ކޮށްލުމުގެ ބޭނުމުގައި ކަމުގައެވެ. ޔަހޫދީ ފައުޖުން ބަރުހަތިޔާރާ އެކު ޣައްޒާ ސިޓީއަށް އަރައި އެ ރަށުގައި އޮންނަ ޖަބާލިޔާ ކޭމްޕު އޮތީ ވަށައިލާފައެވެ. އަދި، ޔަހޫދީ އަސްކަރީ ޓޭންކުތަކުން ދަނީ މެދުކެނޑުމެއް ނެތި އެ ރަށަށް ހަމަލަ ދެމުންނެވެ.
ޣައްޒާ ސިޓީއަށް ދެމުންދާ ހަމަލަތަކާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި، ޙަމާސްގެ މަދު ޢަދަދެއްގެ ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލުމުގެ ނަމުގައި، ޖަބާލިޔާ ކޭމްޕުގައި ދިރިއުޅޭ އެތަކެއް ސަތޭކަ މުސްލިމުންނެއްގެ ފުރާނަ ނަގައިލަމުންދާ މައްސަލަ ކުށްވެރި ކުރަމުންނެވެ. ނަމަވެސް، މި ކަމާ މެދު ފިޔަވަޅެއް އެޅޭނެ އެއްވެސް ޤައުމެއް ނުވަތަ ޖަމާޢަތެއް ވެސް މިއަދު ދުނިޔެ މައްޗަކު ނެތެވެ.