ޚަބަރު

"ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނަން، ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން"


  • ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ އިޚްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

  • ޚިޔާނަތްތެރިވާ ފަރާތްތަކާމެދު ސަރުކާރުން ލޯ މަރާ ނުލައްވާނެ ކަމަށް ވިދާޅުވި

ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެކަމަށާއި އަދި ޝަރުޢީ ދާއިރާއަށް ފޯރުވަމުން ގެންދިޔަ ނުފޫޒް މިހިސާބުން ނިމުމަކަށް އައީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިހިސާބުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. އަދި، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ އިޚްލާސްތެރި ރައީސަކަށް ކަމަށެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ދަޢުތަލަށް ޚިޔާނަތްތެރިވުމުން އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު އަދުލުވެރި ވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ސިއްރު ކުރުމެއް ވަންހަނާ ކުރުމެއް ނޯންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ޢިލްމީ އެކި ދާއިރާތަކާއި ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢިލްމީ ދިރާސާތަކާއި ތަޖުރިބާއިން ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާކަމަށާއި އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ މާތް އަޚްލާގެއްގެ ވެރި ބަޔަކަށްވާތަން ދެކެން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެހެންކަމަުން މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ލޯބި އިތުރުުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެކަން ކުރެއްވުމަށް ޢިލްމުވެރިންގެ ޚިދުމަތަށް އޮންނަ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދީނީ އިލްމުވެރިންނަށް އެއްބާރުލުން ދެއްވާނެކަމަށާއި އޭގެ ބަދަލުގައި ކީރިތި ޤުރުއާނުގެ ތަޢުލީމާ އެއްގޮތަށް ހިކުމަތްތެރިކަމާއި ރިވެތި ވަޢުޞާއި ނަސޭހަތުން ދީން ހުށަހަޅުއްވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި މިލޮބުވެތި ދިވެހި ޤައުމަށް ވަފާތެރި މުރާލި ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި މުއާމަލާތްކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުފުޅުކުރައްވާ! މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސޫލްތަކަށް އަހުލުވެރިވެވެވަޑައިގެން އެގޮތްތައް ބޭނުންކުރައްވާ!" ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އެކި ދާއިރާތަކުން ކިޔަވައިގެން ތިއްބެވި އިލްމުވެރިންނާއި ރާއްޖޭގެ އެކި މުއައްސަސާތަކުގެ ފަރާތުން ސަރުކާރު ހިންގުމަށް އިލްމީ ދިރާސާތައް ގިނަކުރެއްވުމަށާއި އެ ދިރާސާތައް އާންމުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގެ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.