ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒާއި، އެމަނިކުފާނުގެ ނާއިބު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަލަށް ހުވާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާއަށާއި، އެ މަނިކުފާނުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ކަންކަން، ޤާނޫނުގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އަސްލަމް ދެއްވިއެވެ.
އަސްލަމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަނެ، އެ ކަންކަން ހައްލުކޮށްދިނުމަށް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އައު ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަސްލަމް ވަނީ ކުރިއަށް އޮތް މަޖިލީހުގެ ޖަލްސާތަކުގައި މުހިންމު މަސައްކަތްތަކެއް ހުރިކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އަސްލަމް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް މިހާރު މަޖިލީހުގެ ކޮމެޓީގައި ކުރިއަށްދާ ކަމަށެވެ. އަދި ޤާނޫނު ބަޔާން ކުރާ މުއްދަތުގެ ތެރޭ ބަޖެޓުގެ މަސައްކަތްތައް ނިމި، ބަޖެޓު ފާސްވެގެންދާނެކަމުގެ ޔަޤީންކަންވެސް އަސްލަމް ދެއްވިއެވެ.
"އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒަށާއި، އެ މަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ އެންމެހާ އެއްބާރުލުން ފުރިހަމައަށް ލިބިގެންދާނެކަމުގެ ޔަޤީންކަން އަރުވަން. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަންޖެހޭ ކަންކަން ނުވަތަ މަޖިލީހުގައި އެދޭ ކަންކަން މަޖިލީހުގެ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ތަރަހައިގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ވެސް އަރުވަން." އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، އަސްލަމް ވިދާޅުވީ 2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނު އަސާސީ އާއިއެކު، ޖުމްހޫރިއްޔަތެއްގެ ފޮނި މީރުކަން ލިއްބާދިންކަމަށެވެ. އެގޮތުން، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުޞޫލުތަކުގެ މަތިން، ވެރިކަމުގެ ބާރުތައް ބަދަލުވެ މިދަނީ ހަލަބޮލިކަމެއް ނެތި އަމާންކަމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ޑިމޮކްރަސީ ފުރިހަމަވެ، ފައްކާވުމުގެ އަލި ގަދަ ހެއްކެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަސްލަމް ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ ރީތި ހަމައަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދައުލަތުގެ އެންމެހާ ބާރުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.