ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަޝްވަރާކުރައްވައިފި


  • އައު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ތަޢުރީފްކުރެއްވި

  • ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކަށް އަލިއަޅުއްވާލެއްވި

  • ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކުރެއްވި

ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އެންޑް ޕާލަމެންޓްރީ އެފެއާޒް މުރުތަޒާ ސޮލަންގީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އެންޑް ޕާލަމެންޓްރީ އެފެއާޒް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ފެޑެރަލް މިނިސްޓަރ މުރުތަޒާ ސޮލަންގީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤުރީރަކީ ފުރިހަމަ އަދި ނުހަނު ހިތްގައިމު ތަޤުރީރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަކީ އުންމީދީ ސިޔާސަތުތަކެއް ކަމުގައި ޕާކިސްތާންގެ ފެޑެރަލް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފެޑެރަލް މިނިސްޓަރ މުރުތަޒާ ސޮލަންގީ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމުގައި ހުންނެވިއިރު އުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ތަޢުރީފުކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް އުޖާލާ މުސްތަޤްބަލެއް ފަހިވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.