ޚަބަރު

އީވާ ވަކިކުރަން ހުށައެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފި


  • - މަޖިލީހަށް ހުށައެޅީ މިމަހުގެ 13 ވަނދުވަހު

  • - 50 މެމްބަރުންގެ ސޮޔާއި އެކު

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަކިކުރަން ހުށައެޅި ޤަރާރު މަޖިލީހަށް ބަލައިގަނެ އީވާއަށް ނޯޓިސް ފޮނުވައިފިއެވެ. 50 މެމްބަރުންގެ ސޮޔާއި އެކު އިވާ ވަކިކުރުމަށް މަޖިލީހަށް ހުށައެޅީ މިމަހުގެ 13 ވަނަދުވަހުއެވެ.

އީވާ ވަކިކުރުމަށް ހުށައެޅި ގަރާރުގައި ސޮއިކުރައްވާފައިވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲއެވެ.

އީވާ ނައިބް ރައީސްކަމުން ވަކިކުރުމަށް 2 ވަނަ ފަހަރަށް ހުށައެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށައެޅި މައްސަލަ އެޖެންޑާކޮށް އެ މައްސަލަ ކުރިޔަށް ނުގެންދެވި މަޖިލިސް ބޮޑު ހާޖާނު ގަޑެއްގެ ތެރޭގައި ވަނިކޮށެވެ.

އީވާ ވަކިކުރުމަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އީވާ އަބްދުﷲ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއްކަމަށާއި ނަޝީދު ވަކިކުރުމުގެ މައްސަލަގައި މަޖިލީހުގެ ރިޔާސަތާއި އީވާ ހަވާލުވެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށްވެސް އެމްޑީޕީން ވަނީ ބުނެއެވެ.