ޚަބަރު

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބަލާނީ 16 އަހަރުން ދަށުގެ ކުދިން


  • ޞިއްހީ ވުޒާރާއިން މިންގަޑެއް ކަނޑައަޅުއްވާފައިވަނީ ޢުސޫލު އެއްގޮތް ކުރުމަށް

  • ޑޮކްޓަރުންގެ ތަމްރީނާއި ކޮލިފިކޭޝަނަށް ބަލާ، އެހެން އުމުރުފުރައަށް ޚިދުމަތް ދެވޭނެ

  • ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުސޫލަށް ޢަމަލުކުރަން ވަނީ އަންގަވާފައި

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބެއްލެވުމާއި، ފަރުވާ ދެއްވުމަށް ކަނޑައަޅާ އުމުރުފުރައަކީ 16 އަހަރުން ދަށް ކަމުގައި ސިއްޙީ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ. މިއީ ޚިދުމަތް ދިނުމުގައި ގެންގުޅޭ ޢުސޫލުތައް އެއްގޮތް ކުރުމަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިހާރު އާއްމުކޮށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަށް ދައްކަނީ، ތުއްތު ކުދިންނެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، އެވުޒާރާގެ ނިންމެވުމުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބައްލަވާ އުމުރުފުރައަކީ 16 އަހަރުން ދަށް ކަމަށް ކަނޑައަޅުއްވާފައިވީ ނަމަވެސް، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން، އެ ޑޮކްޓަރުންގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ނުވާ ގޮތުގެމަތިން، 16 އަހަރުން މަތީ އުމުރުގެ ކުދިން/މީހުން ބެއްލެވުމާއި ފަރުވާ ދެއްވުމުގައި ހުރަހެއް ނެތްކަމަށެވެ.

އަދި އެހެނިހެން ދާއިރާތަކުން ތަމްރީން ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިސްޓް ޑޮކްޓަރުންނަކީ އެދާއިރާއަކުން ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް، އެޑޮކްޓަރެއްގެ ކޮންޕިޓެންސީ އަދި ސްކޯޕް އޮފް ޕްރެކްޓިސްއާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން ދަށުގެ ކުދިންވެސް ބައްލަވާ ފަރުވާ ދެވޭނެކަމަށް ސިއްޙީ ވުޒާރާގެ ނިންމެވުމުގައި ވެއެވެ.

އެހެންކަމުން މިޢުސޫލާއި އެއްގޮތަށް، ހުރިހާ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ޢަމަލު ކުރައްވަމުން ގެންދެވުމަށް ސިއްޙީ ވުޒާރާއިންވަނީ އަންގަވާފައެވެ.