ޚަބަރު

މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ


  • - އެމްއެންޕީގައި މިހާރު ތިއްބެވީ 2 މެމްބަރުން

  • - ނާޒިމާއި ރިޔާޒަކީ މިހާރު މިނިވަން މެމްބަރުން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެމްބަރުންގެ އަދަދު ތިނަކުން ދަށަށް ވެއްޓުމުން އެޕާޓީއަށް ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ،

މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލުނީ އެޕާޓީގައި ހިމެނިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އިސްތިއުފާދެއްވުމުންނެވެ. އުޝާމް އިސްތިއުފާދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަޤާމަށް އައްޔަންކުރެއްވުމުންނެވެ.

މިހާތަނަށް މަޖިލީހުގައި އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި އުޝާމްގެ އިތުރުން ތިއްބެވީ އެޕާޓީގެ ލީޑަރ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރުން ޢަބްދުﷲ ރިޔާޒުއެވެ. މި ބަދަލާއި އެކު މި ދެ މެމްބަރުން ދެން މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ.

ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރަން ތިއްބެވި މެމްބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށްވުރެ ދަށްވެއްޖެނަމަ ޕާޓީގެ ގޮތުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެކަމަށެވެ.

މަޖިލީހުގައި ދަފްތަރުގައި މިހާރު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 56 މެމްބަރުންނެވެ. މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގައި 13 މެމްބަރުންނެވެ. ދެން މެމްބަރުން ބެހިފައިވަނީ ޖުމްހޫރީ ޕާޓީގެ 2 މެމްބަރުންނާއި ޕީޕީއެމްގެ 2 މެމްބަރުންނާއި ޕީއެންސީގެ 2 މެމްބަރަކާއި އެމްޑީއޭގެ 2 މެމްބަރަކާއި އަމިއްލަ 4 މެމްބަރުންނެވެ.