ސްކޫލްތަކުގެ ހަރަކާތްތައް ހިންގާއިރު ކިޔަވާދިނުމުގެ ދަންފަޅީގެ ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ހިންގުމަށް ތައުލީމާއި ބެހޭ ވުޒާރާއިން އަންގަވައިފިއެވެ.
ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު އިސްމާޢިލް ޝަފީޢު ސޮއިކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާގައި ވިދާޅުވެފައިވަނީ
އުނގެނުމާއި އުނަގަންނައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ ޤައުމީ މަންހަޖުގައި ދުވަހީ ގޮތެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުން ކަމަށެވެ. އެހެން ނަމަވެސް ސްކޫލްތަކުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަގޮތަށް ގޮތަށް ބާއްވާ ބައެއް ހަރަކާތްތަކުގެ ސަބަބުން މުޤައްރަރުގައި ކޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާވަރަށް ކިޔަވައިދިނުން ކުރިއަށް ނުގެންދެވޭކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.
އަދި ކަނޑައަޅާފައިވާ ޤާބިއްލިއްޔަތުތަކާއި އަގުތަކާއި، ސިފަތައް އުނގަންނައިދިނުން ތަރުތީބުވެގެން ނުދިއުމާއި މުޤައްރަރު ފުރިހަމަ ކުރުމަށާއި، މުޤައްރަރުގައިވާ މަޤްސަދުތައް ދަރިވަރުންނަށް ހާސިލްކޮށްދިނުމަށް ޓަރމުގެ ފަހުކޮޅުގައި އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދިއުމާއި، އެއްފަހަރާއި ގިނަ ފިލާވަޅުތައް ދަރިވަރުންނަށް ދޭންޖެހޭކަންވެސް ފާހަގަކުރެއްވިފައިވާ ކަމަށެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ގޮތެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ދަތިތައް ކުރިމަތިވާ ކަމަށާއި އަދި ޤައުމީ މަންހަޖުގައި ބަޔާންކުރާ މަޤްސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށްވެސް ހުރަސްއެޅޭ ކަމަށެވެ.
އެހެންކަމުން ސްކޫލްތަކުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭގޮތަށް ހަރަކާތްތައް ތަރުތީބު ކުރުމަށް ތަޢުލީމީ ވުޒާރާގެ ސަރކިއުލާގައި ސްކޫލްތަކަށްވަނީ އަންގަވާފައެވެ.
ތަޢުލީމީ ވުޒާރާއިން މިގޮތަށް އަންގަވާފައިވާއިރު އައު މަންހަޖުގެ މަޤްސަދުތައް ހާސިލްކޮށްދިނުމަށް ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށް ބައެއް ޓީޗަރުން ބުނެއެވެ. މިކަމާ ގުޅިގެން ދަރިވަރުންނާއި ޓީޗަރުން ވެސް ސްކޫލުގައި ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ.
އައު ސަރުކާރުގެ ތަޢުލީމީ ވުޒާރާއިންވަނީ ތައުލީމީ ދާއިރާއަށް ގިނަ ބަދަލުތައް ގެނައުމަށް ނިންމަވާފައެވެ. އެގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީއަށް ބަދަލު ކުރުމުގެ މަޝްވަރާތައްވެސް މިހާރުވަނީ ފަށްޓަވާފައެވެ.