ޚަބަރު

މޭރީގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ލަމްހާ ބަންދުން ދޫކޮށްލައިފި


އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލައިފިއެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ 3 މަހުގެ މުއްދަތަކަށެވެ.

މޭރީގެ މަރުގެ މައްސަލާގައި ބަންދުގައި ހުރި ލަމްހާ ދެ އަހަރެއްހާ ދުވަސް ވަނިކޮށް ދޫކޮށްލައިފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން، ރޭގަނޑު 10 އަކުން ހެނދުނު 6 އަކާއި ދެމެދު ގެއިން ބޭރަށް ނުނިކުތުމަށް އޭނާއަށް ވަނީ ޝަރުޠު ކޮށްފައެވެ.
މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ އެމީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް، ލަމްހާގެ ވަކީލު ވިދާޅުވެފައިވަނީ މުޖުތަމަޢުގެ ޙައްޤުގެ އިތުރުން ފަރުދީ ޙައްޤުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި، ލަމްހާގެ ޞިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި އެ ކަންކަމަށް ޖަލުގައިވެސް ފަރުވާ ހޯދަމުން އަންނަކަމަށް ދިފާޢީ ވަކީލް ވިދާޅުވިއެވެ. މޭރީގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދަނީ ހެކިންގެ ހެކި ބަސް ނެގުމުމެވެ.

މޭރީ ގްރޭސް މަރުވެފައި އޮއްވާ ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ދަންޖެހި މަރުވުމުގެ ސަބަބުން ކަމަށް މޭރީގެ ފިރިމީހާ މާވިން އޭރު ބުނެފައިވެއެވެ. ނަމަވެސް މޭރީގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން މޭރީ މަރާލާފައިވާކަމަށްވަނީ ހާމަވެފައެވެ. އަދި މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ އާއި ހަލީމަތު ލަމްހާ، ބައިވެރިވެފައިވާކަންވަނީ ހާމަވެފައެވެ. ދައުލަތުން ލަމްހާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރާލުމުގައި، އޭނާގެ ފިރިމީހާ މާވިންއަށް ލަމްހާ އެހީތެރިވެފައިވުން ހިމެނެއެވެ. އަދި މޭރީ މަރުވީ ދަންޖެހިގެންކަން ދައްކަން ވެގެން "ސީން"އެއް ހެދިކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެއެވެ. ހަމައެހެންމެ، މޭރީގެ މަރަށްފަހު ހެދި ޓެސްޓްތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު އޭނާގެ ލެއިން ފެނިފައިވާއިރު، މޭރީ ގަޔަށް ޖެހި ކަމަށް ފެންނަ އިންޖެކްޝަންތައް ލަމްހާގެ ގެއިން ފެނިފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާއެވެ. އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެއެވެ.