ޚަބަރު

ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށަނީ


  • އިދާރީ ގޮތުން ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް ހާއްސަ އިސްކަމެއް

  • ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު ކައުންސިލްތަކުގައި އަށަގަންނުވަންޖެހޭ

  • ކަމަދޫ ކައުންސިލާ ރައްޔިތުންނާ އޮންނަނީ ބަދަހި ގުޅުމެއް

ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހައްލު ކުރުމަށް މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަށަވަރުކޮށްދިނުމަށް ހަދަން ނިންމާފައިވާ އެސޯސިއޭޝަން ހެދުމަށް މަޝްވަރާއާއި، ޙިޔާލު ހޯދުމަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކޮށް ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ކަމަށް ޤާބިލް ފަންނީ މީހުންގެ އެހީތެރިކަމާއެކު އެކަންކަން ހައްލުކުރެއްވުންކަމަށެވެ. އަދި އެމަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށާއި، ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މި މަސައްކަތް ކުރިއަށް މިއޮތް 3 މަސްތެރޭގައި ފެށިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ މި މަސައްކަތް ކުރިއަށް މިއޮތް ދެމަސް ނުވަތަ ތިންމަސްތެރޭގައި ފެށުމަށް މިދަނީ ތައްޔާރުވަމުން.. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކައުންސިލްތައް މިހާރަށްވުރެ ބާރުވެރިކޮށް، ކައުންސިލްތައް ހިނގުމަށާ އިދާރީ ކަންކަމަށް ދިމާވެފައި އޮތް މައްސަލަތަކަށް ހައްލު ހޯދައިދެވިގެންދާނެ." ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ބ. އަތޮޅު ކައުންސިލާ އެއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއާއި ދުނިޔޭގައި އެންމެ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމްވެފައިވާ އެ ޤައުމުކަމަށްވާ ޕިލިޕިންސް ކައުންސިލް ލީގުގެ މެންބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގެ ސަބަބުން މަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ލޯހުޅުވިގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކަށް ޤާނޫނަކުން ބާރުތަކެއް ލިބިދޭއިރު ސަރުކާރު ޒިންމާދާރު ކުރުވާނެ އަމިއްލަ މިނިވަން މުއައްސަސާއެއް ނެތުމުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން އެސޯސިއޭޝަނެއް ހެދުމަށް މަޝްވަރާ ކުރަމުންދާއިރު މި މަޝްވަރާ ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް އެލް.ޖީ.އޭއިން ވަނީ ނިންމަވާފައެވެ.