ސަބަބެއްނެތި ގައުމީ ޓީމު ދޫކޮށްދިޔަ މައްސަލަ ބަލައި ނިމެންދެން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން އެކަހެރި ކުރި ނަމަވެސް އޭނާ ސަސްޕެންޑް ނުކުރާނެ ކަމުގެ އިޝާރާތެއް ފުޓުބޯޅަ ފެޑަރޭޝަނުން ދީފިއެވެ.
އެ ޖަމާއަތުގެ ރައީސް ޕެޑްރޯ ޕްރޮއެންކާ ވިދާޅުވީ އަންނަ މަހު ކުޅޭ މެޗުތަކުގައި ރޮނާލްޑޯ ގައުމީ ޓީމުގައި ބައިވެރިވާން އެންމެން ވެސް ބޭނުންވާ ކަމަށެވެ.
"އެކަކު ވެސް ބާކީނުކޮށް، އެންމެން ވެސް ބޭނުންވާ ގޮތަކީ ނޮވެމްބަރު މަހު އެންމެން އެކުގައި ތިބުން. އަހަރުމެން އެއް މޭޒެއްގެ ދޮށުގައި އެބަ އިށީންނަން. ބޭނުމަކީ އަހަރުމެންގެ ކެޕްޓަން އެނބުރި ގެނައުން. އަހަރެންގެ އަމާޒަކީ އެންމެން އެކުވެރި ކުރުވައި އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުން. ރޮނާލްޑޯ ހުރީ ގައުމީ ޓީމަށް އަންނަ ގޮތަށް،" ޕްރޮއެންކާ ވިދާޅުވިއެވެ.
ރޮނާލްޑޯ ގައުމީ ޓީމުން ވަކިވެގެންދިޔައީ ކޯޗާ މައްސަލަ ޖެހިގެންނެވެ. ޕްރޮއެންކާ ވިދާޅުވީ އެއީ ކޯޗާއި ކުޅުންތެރިޔާ އަށް ވެސް ވަރަށް ބޮޑަށް އޮޅުންއަރާފައިވާ ކަމެއް ކަމަށާއި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.
ރޮނާލްޑޯގެ މައްސަލަ ބަލަން ނިންމީ ޕޯޗުގަލް ފުޓުބޯލަ ފެޑަރޭޝަނުގެ ޑިސިޕްލިންރީ ކޮމިޓީންނެވެ. ޕްރޮއެންކާ ވިދާޅުވީ އެއީ މިނިވަން ކޮމިޓީއަކަށްވުމުން އެ ކޮމިޓީން އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ނޭޝަންސް ލީގު ކާމިޔާބު ކުރަން ކުޅުންތެރިންނާއި ކޯޗިން ޓީމާއި ފެޑަރޭޝަން ތިބޭނީ އެކުގައި ކަމަށެވެ.
ޕޯޗުގަލް ފުޓުބޯޅަ ފެޑަރޭޝަނުގެ ޑިސިޕްލިންރީ ކޮމިޓީން ރޮނާލްޑޯ ވަގުތީ ގޮތުން ގައުމީ ޓީމުން އެކަހެރި ކުރަން ނިންމީ މި މަހު ކުރީ ކޮޅު ގައުމީ ޓީމު ކުޅުނު ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ވަކި އެއްޗެއް ނާންގައި ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްދިޔަ މައްސަލަ ބަލަން ފަށައިފަ އެވެ.
ގައުމީ ޓީމުން ވަކިވެ، ސްޕޭނަށް ދިއުމަށް ފަހު ނެރުނު ނޫސް ބަޔާނުގައި ރޮނާލްޑޯ ބުނީ އެގޮތަށް އެކަން ކުރީ ކޯޗު ޖޯޖް ޖެސޫސް އޭނާ އަށް ދޮގު ހެދުމުން ކަމަށެވެ. އަދި މި މައްސަލަ ޕޯޗުގަލްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބަލައި ކޮންމެ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނަން. ކުލަބުގައި އަހަރެން ރަނގަޅަށް ކުޅެ ގޯލު ޖަހާ ހާ ހިނދަކު ގައުމީ ޓީމަށް ކުޅޭނަން. މި ކަމުގައި ޕޯޗުގަލް ފެޑަރޭޝަނުން އަހަރެންނަށް ދޭ ކޮންމެ އަދަބެއް ގަބޫލު ކުރާނަން. އަދި މިކަމާ ގުޅިގެން ކޯޗު ކޮންމެހެން (އަހަރެންގެ ކިބައިން) މައާފަށް އެދެން ނުޖެހޭ. ނަމަވެސް އާއްމުކޮށް މިކަން އޮޅުން ފޮލުވައިދިނުމަކީ މުހިންމު ކަމެއް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ކޯޗުގެ ފުރަތަމަ ޕްލޭނަކަށްވީ ސެޕްޓެމްބަރާއި އޮކްޓޫބަރު އިންޓަނޭޝަނަލް ބްރޭކުގެ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ އަދި ފަހު މެޗު އޭނާ ލައްވައި ކުޅުވައި އަނެއް ދެ މެޗުގައި އޭނާ ޓީމުގައި ނުހިމަނަން ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ފިޓްނަސްއާ ގުޅުވައިގެން ހުށަހެޅި ގޮތަކަށްވުމުން ވަގުތުން ދެކޮޅު ހެދި ކަމަށާއި ފަހުން ގައުމީ ކޯޗު އޭނާގެ ގެއަށް އައިސް ބައްދަލު ކުރުމަށްފަހު ކޮންމެ މެޗެއްގައި ވެސް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ބުނުމަށްފަހު ވެސް ކަންކުރީ ދިމާ އިދިކޮޅަށް ކަމަށެވެ.
"ވާމްއަޕް ކުރުވާފައި އަހަރެންނަށް ކުޅެން ފުރުސަތު ނުދިން. ދެން މެޗަށް ފަހު އެންމެން ކާން ތިއްބައި އެސިސްޓެންޓް ކޯޗު އައިސް ބުނީ ކޯޗު އަހަރެންނާ ވާހަކަ ދައްކަން ބޭނުމޭ. މި ހިސާބުން އަހަރެން ނިންމީ ގައުމީ ޓީމުން ދާން،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ފޯވަޑް ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ އަރާމު ކުރުމަކީ އޮތްކަމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ފިޒިކަލް ފިޓްނަސް ދަށް ކަމަށް ބުނެ ވަކި މެޗުތަކެއް ނުކުޅެން ހުށަހެޅުމުން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.
"މިއީ ކޯޗު އޭނާގެ ބަހަށް އޭނާ އިހްތިރާމް ނުކުރި ދެ ވަނަ ފަހަރު. އަހަރެން ގައުމީ ޓީމުން ދިޔައީ އިތުރަށް އޭނާ އަހަރެންނާ ވާހަކަ ދައްކައި އައު ކަށަވަރު ކަމެއް ދިނުމުގެ ކުރިން (އެ ފުރުސަތު ނުދޭން ވެގެން)،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އަދި ބުނީ ޕޯޗުގަލްގެ ކޯޗުކަމަށް އޭނާ އަށް ސައޫދީ އަރަބިއާގެ ކުލަބު އައް ނަސްރުގައި ވެސް ކޯޗު ކޮށްދިން ޖެސޫސް ގެނައުމަށް އޭނާ އަކީ ވެސް ތާއީދު ކުރި މީހެއް ކަމަށެވެ.
"ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް އެފްއޭގެ ރައީސް އަހަރެންނަށް ގުޅައި ވާހަކަ ދައްކަމުން ގައުމީ ޓީމުގައި އަހަރެން ހުރުމަށް އެދުނު. އަހަރެން މުހިންމު ވާހަކަ ވެސް ބުނި. އަދި އައު ކޯޗަކަށް ގެނައުމަށް ރަނގަޅީ ކާކުތޯ އަހައި އަހަރެންގެ ހިޔާލު ހޯދި. އަހަރެން ބުނިން ޖެސޫސް ރަނގަޅު ވާނެ ކަމަށް. އެ ދުވަހު ކޯޗެއްގެ ގޮތުގައި ޖެސޫސް ތައާރްފަ ކުރި. އަހަރެން މި ނިންމުމާމެދު އުފާކުރިން،" އޭނާގެ ރުހުމާއެކު ގެނައި ކޯޗާ މެދު އޮތް ނުރުހުން ފާޅު ކުރަމުން ރޮނާލްޑޯ ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި ޖެސޫސް މިހާތަނަށް ވެސް ބުނަމުންދިޔައީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުން އޭނަ އަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރޮނާލްޑޯގެ ބަޔާނަށް ދޭނެ ޖަވާބެއް ވެސް ނެތް ކަމަށެވެ.
"އޭނާ ލައްވައި 30 މިނިޓް (ނޯވޭ މެޗުގައި) ކުޅުވަން އަހަރެން ތައްޔާރުވިން. އެކަމަކު އެ މެޗުގައި ގޮންކާލޯ ރާމޯސް ގޯލު ޖަހައި މޮޅަށް ކުޅެމުން ދަނިކޮށް އޭނާ ބަދަލު ކުރަން އަހަރެންނަސް ނުވިސްނުނީ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަރުވަން ފުރުސަތު ނުލިބުނީ. ދެން ކުޅުންތެރިން ގަބޫލު ކުރަންވާނެ ކޯޗުކަން އެންމެ ފަހުގެ ނިންމުން ނިންމާނީ،" ކޯޗު ބުންޏެވެ.