ޚަބަރު

ޕިޝާވަރުގެ ސްކޫލެއް ކައިރީގައި ބޮމެއް ގޮއްވައިލައިފި


ޕާކިސްތާނުގެ ހުޅަނގުއުތުރުގައި އޮންނަ ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުގެ ވެރިރަށް ޕިޝާވަރުގައި ބޮމެއް ގޮއްވައިލާ ހަތް މީހުން ޒަޚަމު ކޮށްލައިފިއެވެ. ޕެޝާވަރުގެ ސްކޫލެއް ކައިރީގައި ދިން މި ހަމަލާގައި ޒަޚަމު މީހުންގެ ތެރޭގައި އެ ސްކޫލްގެ ހަތަރު ދަރިވަރުން ހިމެނެއެވެ. ބޮން ގޮއްވައިލާފައި ވަނީ ސްކޫލްގެ ހުންނަ މަގުގައެވެ.

މި ހާދިސާގައި ޒަޚަމުވެފައިވާ ހަތަރު ދަރިވަރުން ލޭޑީ ރެޑިންގް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމުގައި ޕިޝާވަރުގެ ފުލުހުން ވިދާޅުވިއެވެ. މިއީ، ކޮން މަޤުޞަދެއްގައި ދީފައިވާ ޙަމަލައެއް ކަމާއި، ޙަމަލާގެ ޢަމާޒަކީ ކާކު ކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

މި ޙަމަލާގައި އެންމެ ބޮޑަށް ޒަޚަމުވެފައި ވަނީ އަށް އަހަރުގެ ކުޑަ ކުއްޖެެކެވެ. އަނެއް ހަތަރު ކުދިން ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ލޭޑީ ރެޑިންގް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ދެން ޒަޚަމުވެފައި ވަނީ އުމުރުން ހަ އަހަރުގެ ކުއްޖަކާއި، 14 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކަށެވެ.

ޕިޝާވަރުގައި ބޮމެއް ގޮއްވައިލާފައި މި ވަނީ، ޚައިބަރް ޕަޚްތުންޚާގެ އިތުރުން އެ ޕުރޮވިންސާ އިންވެގެން އޮންނަ ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދޭ މި ފަދަ ހަމަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި ހަފުތާގައި ވެސް ޕާކިސްތާނުގެ އުތުރުގައި އޮންނަ ރަށެއް ކަމުގައިވާ ޗިލާސްގައި ބޮމެއް ގޮއްވައިލާ އަށް މީހުން މަރައިލާފައިވެއެވެ.

އަދި، ނޮވެންބަރު 3 ވަނަ ދުވަހު ޚައިބަރް ޕަޚްތުންޚާގެ ދޭރާ އިސްމާޢީލް ޚާން ސިޓީގައި ހުންނަ ފުލުހުން ޗެކްޕޮއިންޓަކަށް ހަމަލަދީ އިތުރު ފަސް މީހުން މަރައިލާފައިވެއެވެ. އެއާ ޖެހިގެން އައި ދުވަހު، ޕާކިސްތާނުގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހަމަލަ ދީފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޕާކިސްތާން އިންސްޓިޓިއުޓް ފޯ ކޮންފްލިކްޓް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ޕީ.އައި.ސީ.އެސް.އެސް)އިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ނޮވެންބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި 63 ޓެރެރިސްޓު ހަމަލަދީފައިވެއެވެ. އަދި، މި ހަމަލަތަކުގައި 83 މީހުން ވަނީ މަރުވެފައެވެ. މި އަހަރު ފެށުނު ފަހުން ނޮވެންބަރު މަހުގެ ނިޔަލަށް ދީފައިވާ ޓެރެރިސްޓު ހަމަލަތަކުގެ ޢަދަދު 599 އަށް އަރާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.