ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ، މިއަދު 14:30 އިން ފެށިގެން 19:00 އާ ހަމައަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
White Alert issued. pic.twitter.com/xXmc50GZng
— Maldives Meteorology (@MetMaldives) August 1, 2026
މެޓު އޮފީހުން ވަނީ، މިއަދު 11:45 އިން އިރުއޮއްސި 18:00 އަށް އުތުރުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ އަތޮޅުތަކަށް ގަޑިޔަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ.
ކުރިޔަަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށް އިލްތިމާސް ކުރައްވާފައެވެ.