ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهއާއި ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއާ ދެމެދު މައްސަލަ އިތުރަށް ހޫނުވެ، ދެ ފަރާތުގެ މެދުގައި ހޫނު ޙަމަލަތަކެއް ބަދަލު ކޮށްފިއެވެ. ދެ ފަރާތުގެ މެދުގައި މައްސަލަ އިތުރަށް ހޫނުވީ، ޣައްޒާގެ ޙަމާސް ޖަމާޢަތަށް ވާގިވެރިވުމުގެ ގޮތުން ޙިޒްބުاللهއިން އިސްރާޢީލުުގެ ރަށްތަކަށް ވަރުގަދަ ޙަމަލަތަކެއް ދިނުމުންނެވެ.
ދެ ފަރާތުގެ މެދުގައި ޙަމަލަތައް ބަދަލު ކޮށްފައި ވަނީ ލުބްނާނާއި އިސްރާޢީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ. ޙިޒްބުاللهއިން ވަނީ އިސްރާޢީލުގެ ރަށްތަކާއި، އަސްކަރިއްޔާގެ އަމާޒުތަކަށް ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލަތަކެއް ދީފައެވެ. މި ޙަމަލަތަކުގެ ރައްދުގައި ޔަހޫދީ ފައުޖުން ވެސް ވަނީ، ލުބުނާނުގެ ދެކުނުގައިވާ ރަށްތަކާއި އަވަށްތަކަށް ވަރުގަދަ ޙަމަލަތަކެއް ދީފައެވެ. ޙަމަލަތައް އަމާޒުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ލުބްނާނުގެ ރަށެއް ކަމުގައިވާ ޢަޔްތްރޫން ހިމެނެއެވެ. މި ޙަމަލަތަކުގައި އެެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ލުބުނާނުގެ އޮފިޝަލެއް ވިދާޅުވީ ޢަޔްތްރޫނަށް ދިން ޙަމަލަތަކުގައި ޢާންމުން ދިރިއުޅޭ ފަސް ގެ ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އަދި، ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށް ގެއްލުން ދީފައިވާ ކަމުގައެވެ. މި ޙަމަލަތަކުގައި ތިން އަންހެނުންނާއި ދެ ފިރިހެނުން ޒަޚަމުވިއެވެ.
މި ކަމާ ގުޅޭ ގޮތުން ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ޙަސަން ފަޟްލިالله ވިދާޅުވީ، ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ އުދުވާނީ ޙަމަލަތައް އިތުރު ކޮށްފައިވާ ކަމަށާއި، އެ ކަމުގެ ރައްދުގައި އިސްރާޢީލުގެ ރަށްތަކަށް އަމާޒުކޮށް އައު ވައްތަރުތަކުގެ ހަތިޔާރު ބޭނުން ކޮށްގެން ޙިޒްބުاللهއިން ޙަމަލަދޭނެ ކަމުގައެވެ. އިސްރާޢީލުގެ ރަށަކަށް އަމާޒުކޮށް "ގޮތް ނޭނގޭ" ހަތިޔާރެއް ބޭނުންކޮށްގެން ޙަމަލަ ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި، އޭގެ ތެރެއިން ދެ ހަތިޔާރެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެއެވެ.
ޙިޒްބުاللهއިން ބުނީ، ޔާރާގައި ހުންނަ އިސްރާޢީލުގެ އަސްކަރީ މަރުކަޒަކަށް "ގޮވާ ޒާތުގެ" ޑްރޯނެއް ބޭނުން ކޮށްގެން ޙަމަލަ ދީފައިވާނެ ކަމުގައެވެ. އަދި 'ބުރްކާން' މަރުކާގެ މިސައިލްތަކެއް ބޭނުން ކޮށްގެން އިސްރާޢީލުގެ ރަށްތަކަކަށް ޙަމަލަ ދީފައިވާނެ ކަމުގައެވެ. މި ޙަމަލަތަކުގައި ޔަހޫދީ ސިފައިންގެ ދެ މީހަކު ޒަޚަމުވިއެވެ.
މި ހާދިސާތަކާ ގުޅިގެން ލުބްނާނުގައި ހަރަކާތްތެރިވާ އ.ދގެ ސުލްޙަ ބަލަހައްޓާ ފައުޖު [ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލެބެނަން (ޔުނިފިލު)[ން ބުނީ، ލުބްނާނާއި އިސްރާޢީލް ގުޅޭ ސަރަޙައްދީ ރޮނގުގެ މަސްރަޙު ހޫނުވެފައިވާ ކަމަށާއި، ސަރަޙައްދީ ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައެވެ.
އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލަތަކުގައި ލުބުނާނުން މިހާތަނަށް 120 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ 85 ހަނގުރާމަވެރިންނާއި ޢާންމުންގެ 15 މީހުން ހިމެނެއެވެ. ޙިޒްބުاللهއިން ވެސް ވަނީ ޔަހޫދީ ސިފައިންގެ ހަތް މީހުންނާއި ޢާންމުންގެ ހަތަރު މީހުން މަރައިލާފައެވެ.