ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާގެ ކާރިމް އަބޫ ސާލިމް ސަރަޙައްދީ ރޮނގު ހުޅުވަން ޔަހޫދީން އެއްބަސްވެފައިވާ ކަމަށް ފަލަސްޠީނުން ބުނެފިއެވެ.
ފަލަސްޠީނުގެ ރެޑްކްރެސެންޓުން ބުނީ އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދިއުމަށް ތައްޔާރުވެފައި އޮތް 80 އެހީ ޤާފިލާ ބަލައި ޗެކް ކުރުމަށް މިޞްރުން ކަރީމް އަބޫ ސާލިމް ހުރަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޤާފިލާގައި ފެނާއި ކާނާއާއި، ބޭހާއި އަދި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ހިމެނޭ ކަމަށް ރެޑްކްރެސެންޓުން ބުނެއެވެ. ޣައްޒާއަށް ވައްދާ އެހީގެ ޤާފިލާތައް ބަލައި ޗެކް ކުރާނެ އައު އުޞޫލުތަކެއް ޔަހޫދީން ވަނީ ކަނޑައަޅައިފައެވެ.
އޮކްޓޯބަރު 20 ވަނަ ދުވަހުން ފެށިގެން ޢައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ފެށިފަހުން މިޞްރުން ޣައްޒާއަށް ވަންނަ އެހީ މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އަލް އަވްޖާ ނިތްޒާނާ ހުރަހުން ޔަހޫދީން އަންނަނީ ބަލައި ފާސްކުރަމުންނެވެ. އެކަމުގެ ސަބަބުން ޣައްޒާއަށް އެހީ ލިބުމުގައި ވަރަށް ބޮޑެތި ލަސްތަކެއް ކުރިމަތިވެފައިވެއެވެ.
ޔަހޫދީންގެ ރަށްތަކާއި މިޞްރު އަދި ޣައްޒާ ގުޅޭ ކަރީމް އަބޫ ސާލިމް ހުރަހުން ގިނަ ޢަދަދެއްގެ އެހީގެ ޤާފިލާ ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް އެހީ ދޭ ޖަމާޢަތްތަކުން ބުނެއެވެ. ކަރީމް އަބޫ ސާލިމް އޮންނަނީ ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙް ހުރަހާ 3 ކިލޯމީޓަރު ދުރުގައެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ މިންވަރު އިތުރު ކުރުމުގެ ގޮތުން ކަރީމް އަބޫ ސާލިމް ހުޅުވައިދިނުމަށް އދން އައީ ބާރުއަޅަމުންނެވެ. ނަމަވެސް ޣައްޒާއަށް ވައްދާ އެހީގެ ބޭނުން ޙަމާސުން ކުރާނެ ކަމަށް ބުނެ ކަރީމް އަބޫ ސާލިމް ހުޅުވަން ޔަހޫދީން ވަނީ ދެކޮޅު ހަދައިފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކާއި ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ހަނގުރާމަ ފެށިފަހުން ޣައްޒާއަށް ދުވާލަކު ވަންނަ އެހީގެ ޤާފިލާގެ ޢަދަދު ވަނީ 100 އަށް ދަށްވެފައެވެ. ހަނގުރާމައިގެ ކުރިން ޣައްޒާއަށް ދުވާލަކު 500 އެހީގެ ޤާފިލާ ވަދެއެވެ. އޭގެ 60 އިންސައްތަ ވަންނަނީ ކަރީމް އަބޫ ސާލިމް މެދުވެރިކޮށެވެ.