ޚަބަރު

ކޮޕް28: ތެޔޮ އަންދާ މިންވަރު މަދު ކުރަން ޤައުމުތަކުން އެއްބަސްވެއްޖެ


މޫސުމީ ބަދަލުތަކުން ދުނިިޔެ ސަލާމަތް ކުރުމުގެ ގޮތުން ތެޔޮ ބޭނުންކުރާ އަދި އަންދާ މިންވަރު މަދު ކުރުމަށް 200 އެއްހާ ޤައުމުން އެއްބަސްވެއްޖެއެވެ. މި ކަމާ މެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައި މި ވަނީ، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީގައި ދެ ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ އ.ދގެ މޫސުމީ ބަދަލުތަކާ ބެހޭ 28 ވަނަ ބައްދަލުވުން [ޔޫ.އެން ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28)]ގައެވެ.

'ފޮސިލް ފިޔުލް' ނުވަތަ ޤުދުރަތީ ތެޔޮ އަންދާ މިންވަރު މަދު ކުރަން މަސައްކަތްތަކެއް ކުރުމަށް ކޮޕް28ގެ ބައިވެރިން އެއްބަސްވެފައިވާއިރު، މިއީ ވަރަށް "ތާރީޚީ" އެއްބަސްވުމެއްގެ ގޮތުގައި ކޮޕް28ގެ ރިޔާސަތު ބެލެހެއްޓެވި ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލް-ޖާބިރު ވިދާޅުވިއެވެ. ނަމަވެސް، ކާމިޔާބަށް ވާސިލުވެވޭނީ މި އެއްބަސްވުން ފުރިހަމަ ގޮތެއްގައި ތަންފީޒު ކުރެވިގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ބަހާއި އަމަލާ ދިމާކޮށްގެން މެނުވީ ކާމިޔާބީއެއް ނުހޯދޭނެ،" އަލް-ޖާބިރު ވިދާޅުވިއެވެ.

ތެޔޮ އަންދާ މިންވަރު ދަށް ކުރުމަކީ މޫސުމީ ބަދަލުތަކުން ދުނިޔެ ސަލާމާތް ކުރެވެން އޮތް ހަމައެކަނި މަގު ކަމުގައި ސައިންސްވެރިން ދަނީ ބުނަމުންނެވެ. "މިއީ، ފޮސިލް ފިޔުލް ބޭނުން ކުރުމާއި އެންދުން މަދު ކުރުމަށް އެއްބަސްވެ ދުނިޔޭގެ ޤައުުތަކުން އެއްގަލަކަށް އަރާފައިވާ ފުރަތަމަ ފަހަރު،" ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބަރްޓް އައިދް ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ފާއިތުވި ދެ ހަފުތާއެއްހާ ދުވަހަށް ކުރިއަށްދިޔަ މަޝްވަރާތަކުގައި 100 އެއްހާ ޤައުމުން ވަނީ، އެއްބަސްވުމުގެ ބަސްމަގު ހަރިކަށި ކުރަން ވަކާލާތު ކޮށްފައެވެ. މި ކަމުގައި އެންމެ ހަރުކަށިކޮށް އަޑުއުފުލާފައި ވަނީ ކުދި ޤައުމުތަކުންނެވެ. އެއީ، މޫސުމީ ބަދަލުތަކުގެ ކުރީ ސަފުގައި ތިބި ޤައުމުތަކެވެ.

އެ ޤައުމުތަކުން ގޮވައިލާފައި ވަނީ ތެލާއި، ގޭހާއި ބޯޓުދެލި އަންދާ މިންވަރު "ފޭސް އައުޓް" ކުރަން ނުވަތަ، މަދުކުރަމުން ގޮސް ބޭނުން ކުރުން މުޅިން ހުއްޓައިލުމަށް އެއްބަސްވުމުގެ ދެލިކޮޕީގައި ލިޔުމަށެވެ. ނަމަވެސް، މި ކަމަށް އެންމެ ބޮޑަށް ދެކޮޅު ހަދާފައި ވަނީ ތެޔޮ އެކްސްޕޯޓް ކުރާ ޤައުމުތައް ކަމުގައިވާ އޯޕެކްގެ މެންބަރު ޤައުމުތަކުންނެވެ. އެންމެ ގިނައިން ތެލާއި ގޭސް އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ތެރެއިން އެމެރިކާއާއި، ކެނެޑާއާއި ނޯވޭގެ އިތުރުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ވެސް ވަނީ ކުދި ޤައުމުތަކާ އެއްކޮޅަށް ވަކާލާތު ކޮށްފައެވެ.

ތެޔޮ އަންދާ މިންވަރު މަދު ކުރަން ކޮޕް28އިން އެއްބަސްވެފައިވީ ނަމަވެސް، ކުދި ޖަޒީރާ ޤައުމުތަކުގެ ގުޅުން ކަމުގައިވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޮސިސް)ގެ ފަރާތުން ވަނީ މި އެއްބަސްވުމާ މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އެ އެލަޔަންސްގެ ފަރާތުން ވަކާލާތު ކުރެއްވި އިސް ނެގޯޝިއޭޓަރ އޭން ރަސްމުސެން ވިދާޅުވީ، މިއީ އެހާ އުންމީދީ އެއްބަސްވުމެއް ނޫން ކަމުގައެވެ. "އަޅުގަނޑުމެން އުންމީދު ކުރަމުން ދިޔައީ، އަދި ވަކާލާތު ކުރަމުން ދިޔައީ، ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ނިންމުންތަކެއް ނިންމަން،" ރަސްމުސެން ވިދާޅުވިއެވެ.

ކޮޕް28ގައި ނިންމާފައި މި ވަނީ، 2050 ވަނަ އަހަރުގެ ކުރިން ނެޓް-ޒީރޯއަށް ވާސިލުވުމުގެ ގޮތުން ތެލާއި ގޭސް އަންދާ މިންވަރު މަޑުމަޑުން މަދު ކުރުމަށެވެ. ނަމަވެސް، މިއީ ބައެއް ޤައުމުތަކުން މިހާރު ވެސް ހިފާފައިވާ އަމާޒެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކޮޕްގެ އެއްބަސްވުމުގައި އެ ޤައުމުތަކަށް ގޮވައިލާފައި މި ވަނީ، އެ މަސައްކަތްތައް ހަލުވި ކުރުމަށެވެ. އަދި، އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 2030 ވަނަ އަހަރުގެ ކުރިން ތިން ގުނައަށް އިތުރު ކުރުމަށެވެ.