ޚަބަރު

ބަރަހަނާ މަންޒަރުތައް ބެލުމަކީ އާޚިރުގައި ހިތާމަކުރަންޖެހޭނެ ކަމެއް


  • ރާއްޖޭގައި ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަކީ ނުހަނު މުހިންމުކަމެއް

  • ފާހިޝް ކަންކަން ފެށިގެންދަނީ މައިންބަފައިން، ދަރިންނަށް އަޅާނުލާ ދޫކޮށްލެވޭ ހިސާބުން

  • ނުބައި ބެލުންތަކުން ދުރުހެލިވެ ވަގުތު ފާއިތުނުވަނީސް ތައުބާވެ ހެޔޮ މަގަށް ރުޖޫއަވާންޖެހޭ

ބަރަހަނާ މަންޒަރުތަކާއި ފޮޓޯ ބެލުމަކީ އެކަމުގެ ސަބަބުން އިންސާނާގެ ތަބީއަތު ގޯސްވެ ހުސްވަގުތުގެ ބޭނުން ގޯސްކަންކަން ކުރުމަށް ހުސްކޮށްލުމަށް އެޅޭ ނުބައިވެގެންވާ ކަމެކެވެ. މުޖުތަމަޢުގައި މިފަދަ އަމަލުތައް އިތުރުވުމަކީ އޭގެ ސަބުބުން އަޚްލާޤީ ގޮތުން ފަރުދުންގެ މެދުގައި ފިތުނަތައް އުފެދޭނެ ކަމެކެވެ. ޝައްކެތް ނެތް ގޮތުގައި ބަރަހަނާ މަންޒަރުތައް ބެލުމަކީ އޭގެ ސަބަބުން އަމިއްލަ ނަފްސާއި ދިރިއުޅޭ މުޖުތަމައު ފާފައިގެ ތެރެއަށް ވެއްޓިގެންދާނެކަމެކެވެ.

ބައެއްގެ ތެރޭގައި ބަރަހަނާ މަންޒަރުތައް ބެލުން އާދައަކަށްވެ އެކަމުގެ ސަބަބުން ނުކުންނާނެ ނުރައްކާތެރި ފާފަވެރި ނަތީޖާތަކުގެ ތެރޭގައި މީހުންގެ ސިކުނޑީގައި ނުބައި ވިސްނުންތައް އަށަގަތުމާއި އެހެން މީހުންގެ ދިރިއުޅުމަށް އެމީހުންގެ ސަބަބުން އުނދަގޫ ތަހައްމަލު ކުރަންޖެހުން ހިމެނެއެވެ. މިކަމަކީ ނުހަނު ނުރައްކާތެރި އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ އެންމެން ރައްކާތެރިވެ ތިބެން ޖެހޭކަމެކެވެ.

ރާއްޖޭގައި އަންހެނުންނަށް ޖިންސީ ގޯނާގެ ފަހަތުގައި ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކުރިން ދެންނެވި ފަދައިން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަލާ ފރިހެނުންގެ ސަބަބުން ކައިވެނިކޮށްގެން އުޅޭ އަންހެން މީހާގެ ދިރިއުޅުން އަނދަވަޅުގަނޑަކަށް ވެއްޓިގެންދާ މަންޒަރުތައް މުޖުތަމައުން ފެންނަލެއް މަދެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމައު ވެގެންދަނީ ފާހިޝް ކަންކަމަށް ހިތްވަރުދީ ފާހިޝް ވާހަކަތައް ފަތުރާ ތަނަކަށެވެ.

ފިތުރަތުގެ ސާފުކަންމަތީ ދުނިޔެއަށް ދަރިފުޅު އުފަންވެ، ހެދިބޮޑުވަމުން އަންނަ އިރު އޭނާގެ ކަންކަން އެންމެ ގާތުން ބަލަހައްޓަން ތިބޭ ފަރާތަކީ މައިންބަފައިންނެވެ. ވުމާއެކު އާއިލާގެ ތެރެއިން ފާހިޝް މަންޒަރުތަކާއި އަޑުތަކާއި ފޮޓޯތަކުން ދަރިން ރައްކާތެރިކޮށް ރަނގަޅު އަޚްލާޤެއްގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަގަންޖެހޭ ބަޔަކީ މައިންބަފައިންނެވެ. އެހެންކަމުން މައިންބަފައިންނަކީ ދަރިންނަށް ނަމޫނާ ބަޔަކަށް ވާންޖެހެވެ.

ކަން މިހެން ހުއްޓެއް ކަމަކު މިކަމުގެ ނުރައްކަލުގެ ތެރެއަށް ދަރިން ހުށައެޅިގެންދަނީ އެކުދިންނަށް ޓެބްލެޓެއް ނުވަތަ ސްމާޓުފޯނެއް ދިނުމަށްފަހު އިންޓަރނެޓުގެ ހާމަކަން އެއްވެސް ކަހަލަ ލިމިޓެއް، ހިފެހެއްޓުމެއްނެތި ބޭނުންކުރުމަށް ދޫކޮށްލުމުންނެވެ. އެއާއެކު އެކަން އާދައަކަށްވެ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ މަންޒަރު ފެނިގެންދެއެވެ.

ނަތީޖާއަކަށް ވެގެންދަނީ ކުއްޖާ އިންޓަރނެޓުގެ އެކި ވަސީލަތްތައް ބޭނުންކުރަމުން ގޮސް ބަރަހަނާ ފޮޓޯތަކާއި ވީޑިޔޯތައް ފެނި އެކަމުގެ ތެރެއަށް ވަދެވިގެން ދިއުމެވެ. އެހެންކަމުން އެންމެ ކުޑައިރުންފެށިގެން ދަރިންނަށް އެފަދަ ފާހިޝް މަންޒަރުތައް ފެނުމަށް މެދުވެރިވާ ކަންކަމުން ރައްކާތެރި ކުރުމުގެ މަސައްކަތުގައި މައިންބަފައިންގެ ދައުރު ބޮޑެވެ. ހިތާމައަކީ ގިނަ މައިންބަފައިންނަށް ދަރިންގެ ކަންކަން ގާތުން ބަލާ މޮނިޓަރ ނުކުރެވޭކަމެވެ.

ކަންބޮޑުވާންޖެހޭ ހިސާބުގައި ރާއްޖޭގެ ހާލަތު އޮތް ނަމަވެސް މިއަދު މި ގައުމުގައި ބަރަހަނާ ފޮޓޯ އާއި ވީޑިޔޯ މަންޒަރުތައް އިންޓަރނެޓް މެދުވެރިކޮށް ނުފެންނާނެ ގޮތް ގާއިމްކުރެވިގެން ދިއުމަކީ ސަރުކާރުން ނިންމެމި ރަނގަޅު ނިންމުމެއް ކަމުގައި ފާހަގަކުރެވެއެވެ. ކުރިއަށް އޮތްތާނގައި ބަރަހަނާ ފޮޓޯ އާއި ވީޑިޔޯ ފަދަ ތަކެތީގެ ވަބާއިން ތުއްތު ކުދިންނާއި ޒުވާނުންންގެ ރައްކާތެރިކުރެވޭނެ މަގު ފަހިވެގެން ދިއުމަކީ އުފަލާއެކު ފާހަގަކުރަން ޖެހޭކަމެކެވެ.

ރާއްޖޭގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ މަންޒަރުތައް އިންޓަނެޓް މެދުވެރިކޮށް ނުފެންނާނެ ގޮތް ޤާއިމްކުރެވިގެން ދިއުމަކީ ނުހަނު ރަނގަޅު ނިންމުމެއްކަމުގައި ފާހަގަކުރެވެއެވެ. މިނިންމުން ނިންމުމަށް ލަސްވެސް ވެއްޖެއެވެ. ސަބަބަކީ މިހާރު އެކަމުގެ ސަބަބުން އާދަ ނުފިލާ ފާހިޝް ކަންކަމުގައި ހުއްޓުމެއްނެތި މަސްއޫލުވަމުންދާ މީހުންނަށް އެކަމުގެ ސަބަބުން މާބޮޑު ހައްލެއް ނުލިބޭނެތީއެވެ. އެހެނަސް ނުބައި އަމަލު ކުރިއަށް ވުރެ މަދުވެ މުޖުތަމައުގައި ފާހިޝްކަންކަން އިހުނަށްވުރެ މަދުވާނެކަން ގަބޫލުކުރެވެއެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ރާއްޖެ ވީހިނދު ސަރުކާރުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ބަރަހަނާ ފޮޓޯ އާއި ވީޑިޔޯ ހުންނަ ވެބްސައިޓްތައް ބްލޮކް ކުރެވިގެން ދިއުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި، ފަރުދުންގެ ރައްކާތެރިކަމާއި، ފާހިޝް ކަންކަމުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ރާއްޖެ ވުމަށްޓަކައި ނިންމޭނެ ވަރަށް މުހިންމު ނިންމުމެކެވެ.