ޚަބަރު

ކުރިއަށް އޮތްތާނގައި ކުޅުދުއްފުށިން ރެންޑަމް ސާމްޕަލްތަކެއް ނަގަނީ


  • ބަލި ޖައްސާ ކިއުލެކްސް މަދިރި ރާއްޖޭގައިވެސް އުޅޭ

  • ހަމައެކަނި މަދިރި އުޅުމުން މިބަލި ނުޖެހޭނެ

  • ހާއްސަ ސްކްރީނިން ތަކެއް ކުޅުދުއްފުށީގައި މިހާރު ކުރިއަށް ގެންދޭ

ރާއްޖެއިން މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނުމާއި ގުޅިގެން އެރަށުގައި އުޅޭ ބިދޭސީންގެ ސާމްޕަލް މިހާރު ނަގަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެރަށުން ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާކަންވަނީ ހާމަވެފައެވެ. އެގޮތުން މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާކަންވަނީ އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަަމުން ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުހަންމަދު ހަމްޒަތު ވިދާޅުވީ ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ބިދޭސީންނަކީ އެއް ހިސާބަކުން އައިސްފައިވާ މީހުންކަމަށެވެ. އެހެންކަމުން މިއީ އިންޕޯޓެޑް ކޭސްތަކެއް ކަމަށާއި މިބަލި ގައުމުގެ ތެރޭގައި ފެތުރިގެން އުޅެނީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޅުދުއްފުށިން ފެނިގެން އުޅޭ ކޭސްތަކަކީ ހަމަ ހުރިހާ ކޭސްތަކަކީވެސް ހަމަ އަޅުގަނޑުމެންނަށް ގަބޫލްކުރެވެނީ ހަމަ ފާހަގަ ކޮއްލެވެނީ ހަމަ އެއް ހިސާބްތަކަކުން އައިސްފައި ތިބި ބިދޭސީން ތަކެއް ކަމުގަ. އެހެންވީމަ ބޮޑަށް ގަބޫލްކުރެވެނީ އިންޕޯޓެޑް ކޭސް ތަކޭ އަޅުގަނޑުމެންގެ ގައުމުގެ އުޅޭކަމެއް ނޫނޭ، އަދި އަޅުގަނޑުމެން ގައުމުގަ އަދި މަދިރި އުޅުނެއް ކަމަކު." ހަމްޒަތް ވިދާޅުވިއެވެ.

ހަމްޒަތު ވިދާޅުވީ މިބަލި ޖައްސާ ކިއުލެކްސް މަދިރި ރާއްޖޭގައިވެސް އުޅޭކަމަށެވެ. އަދި ހއ.އިން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ރާއްޖޭގެ ރައްތަކުގައި މިމަދިރި އުޅޭކަމަށް ފާހަގަ ކޮއްލެވޭ ކަމަށް ހަމްޒަތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަމައެކަނި މަދިރި އުޅުމުން މިބަލި ނުޖެހޭނެ ކަމަށާއި ބަލި ޖެހުމަށް އެއަށް ބޭނުންވާ ފަނިވެސް ބޭނުންވާ ކަމުގައެވެ.

ހަމްޒަތު ވިދާޅުވީ ފައިލޭރިއާގެ ކޭސްތަކެއް ފެނުމުން މިބަލި ލޯކަލް ކޮމިއުނިޓީއަށް ފެތުރުނަ ނުދިނުމަށްޓަކައި ޚާއްސަ ސްކްރީނިންތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

ހަމްޒަތް ވިދާޅުވީ ފައިލޭރިޔާ ޖެހިފައިވާ މީހުންނަށް ބޭސްދިނުމުން އޭނާ ގައިގަ ޖަރާސީމް ހުރިނަމަވެސް އެބަލި ނުފެތުރޭނެ ކަމަށެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތު ކޮންޓްރޯލަރ ފާތިމަތު އަނާ ނަދީމް ވިދާޅުވީ މިބަލިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރަށުތެރޭގަޔާއި ގޭގައިވެސް މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަނާ ވިދާޅުވީ މިބަލި ފެތުރޭ ކިއުލެކްސް މަދިރި އުފެދެނީ ހަޑިވެފައިވާ ފެންގަނޑު ތަކުގައި ކަމަށާއި ރަށްރަށުގެ އާންމުން ދިރިނޫޅޭ ހިސާބުތަކުގައި މިފަދަ ތަންތަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެންމެން ގުޅިގެން މިފަދަ ތަންތަން ނައްތާލުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"ވަރަށް މުހިންމު ކަމެއް ވެކްޓާރ ކޮންޓްރޯލް ނުވަތަ ބައިޓް ކޮންޓްރޯލް ނުވަތަ މަދިރި އާލާވާ ތަންތަން ނައްތާލުމަކީ. އެހެންވީމަ ރަށުތެރޭގައިވެސް އަދި ގޭގައިވެސް މަދިރި އުފެދޭ އަދި އާލާވާގޮތަށް ހުންނަ ތަކެތި ނައްތާލުމަކީ ވަރަށް މުހިންމު ކަމެއް. ދެން މި ކިއުލެކްސް މަދިރިއަކީ އާންމުގޮތެއްގަ ހަޑިފެނުގަ އުފެދޭ މަދިރިއަކަށް ވުމާއެކު ފަހަރެއްގަ ރަށުތެރޭގަވެސް މީހުން ދިރިނޫޅޭ ސަރަހައްދުގަ ނުވަތަ ނުދާ ހިސާބުގަވެސް އެފަދަ ފެންގަނޑު ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ މިކަހަލަ ތަންތަން ބަލާ އިންސްޕެކްޓްކޮށް ރަށުގެ ހުރިހާ އެންމެން ގުޅިގެން އެއްކޮށް މަސައްކަތްކޮށް މިފަދަ ތަންތަން ނައްތާލުމަކީ ހަމަ ވަރަށް މުހިންމު ކަމެއް."އަނާ ވިދާޅުވިއެވެ.

"ފައިލޭރިއާ" އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި ،ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރުގައެވެ.

ފައިލޭރިއާ ރާއްޖެއިން ނައްތާލުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުން، ފައިލޭރިއާއަކީ މިހާރު ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ ފައިލޭރިއާއިން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ 2016 ވަނަ އަހަރުގެ މެއި މަހު ކަނޑައަޅާ އެކަން ދިވެހި ސަރުކާރަށް އަންގަވާފައެވެ.