ޚަބަރު

ޣައްޒާގެ އަލް އަޙްލީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިއްޖެ


ޣައްޒާގައި މި ވަގުތު ޚިދުމަތްދޭ މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އަލް އަޙްލީ ހޮސްޕިޓަލަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓިއްޖެއެވެ.

އަލް އަޙްލީ ހޮސްޕިޓަލްގެ ޑައިރެކްޓަރ ފަދޭލް ނާއީމް ވިދާޅުވީ ޔަހޫދީން އެ ހޮސްޕިޓަލަށް ޙަމަލާދީ ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްދޭ މީހުންނާއި ބަލި މީހުން ހައްޔަރުކޮށް ހޮސްޕިޓަލަށް އެތައް ގެއްލުންތަކެއް ދީފައިވާކަމަށެވެ. އެއާއެކު ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންނަ އެއްވެސް މީހަކަށް ފަރުވާ ނުދެވޭ ކަމަށް ނާއިމް ވިދާޅުވިއެވެ. އެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަލް އަޙްލީ ހޮސްޕިޓަލަކީ މީގެ ކުރިން ވެސް ޔަހޫދީން ދިން ޙަމަލާތައް އަމާޒުވެފައިވާ ހޮސްޕިޓަލެކެވެ. އެ ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަލް އަޙްލީ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން ގެންދާ ހޮސްޕިޓަލެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ އަންނަ ޙަމަލާތަކުގައި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ދޭ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 19،667 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.