ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނާކާމިޔާބީއެއް ކަމަށް ބައިނަލްއަޤުވާމީ ރެޑްކްރޮސް ޖަމުޢިއްޔާގެ ވެރިޔާ މިރުޖާނާ ސްޕޮލްޖެރިކް ވިދާޅުވެއްޖެއެވެ. ހަނގުރާމަ ހުއްޓައިލުމަށް ޔަހުދީންނާއި ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އާ އެއްބަސްވުމަށް ދިއުމަށް ވެސް ސްޕޮލްޖެރިކް ގޮވައިލެއްވިއެވެ.
ސްޕޮލްޖެރިކް އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމަ ކުރިއަށްދާ ކޮންމެ ދުވަހަކީ އެހާ އަނިޔާވެރި ތަކުލީފުތަކަކަށް ނިމުމެއް ގެނައުމުގެ ޤާބިލުކަން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ނެތްކަން ސާބިތުވާ ކަމެކެވެ. އަދި އެކަމުގެ އަސަރު ޖީލުތަކަކަށް ކުރާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ސްޕޮލްޖެރިކް އެގޮތަށް ވިދާޅުވެފައި ވަނީ ހަނގުރާމަ ހިނގަމުންދާ ޣައްޒާއަށާއި، ޢިސްރާއީލަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ދެ ފަރާތުން އެއްބަސްވުމެއް ނެތި އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމަ މަޝްވަރާ ކުރަމުން ގެންދިއުމަށް އިލްތިމާސް ކުރަން." އޮކްޓޯބަރު ހަތް ވަނަ ދުވަހު ޙަމާސްގެ ބެލުމުގެ ދަށަށް ގެންދިއަ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އިޝާރާތް ކުރައްވައި ސްޕޮލްޖެރިކް ވިދާޅުވިއެވެ.
ޤަޠަރާއި މިޞްރު މެދުވެރިވެގެން ނޮވެމްބަރު މަހުގެ ފަހުކޮޅު ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ޙަމަލާތައް ވަނީ މެދުކަނޑައިލައިފައެވެ. އެ މުއްދަތުގައި ޔަހޫދީ ޖަލުތަކުގައިތިބި ފަލަސްޠީނުގެ 240 އަންހެނުންނާއި ކުޑަކުދިންގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި 110 ރަހީނުން ދޫކޮށްލިއެވެ.
ޙަމަލާތައް ހުއްޓައިލައިފައި އޮތް މުއްދަތުގައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ރެޑްކޮރޮސް އިން ވަނީ މަގުފަހިކޮށްދީފައެވެ. ނަމަވެސް ޔަހޫދީންގެ ބާކީތިބި އަސީރުން މިނިވަން ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ޔަހޫދީން ވަނީ އެ ޖަމުޢިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެކަމާ ގުޅިގެން ސްޕޮލްޖެރިކް ވިދާޅުވީ އެ ޖަމުޢިއްޔާއިން މަސައްކަތް ކުރިއަށް ގެންދަނީ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަމުން ކަމަށެވެ.
އައު އެއްބަސްވުމަކަށް ދިއުމަށް ސްޕޮލްޖެރިކް ގޮވައިލައްވައިފައިވާއިރު، ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމުގެ ގޮތުން، ޙަމާސްގެ ބެލުމެ ދަށުގައިތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާގުޅޭ މަޝްވަރާތައް ކުރުމަށް ދެކޮޅު ހަދާ ކަމަށް ޙަމާސުން ވަނީ ބުނެފައެވެ. ނަމަވެސް ޣައްޒާގެ ޢާންމުންނަށް ޔަހޫދީން ދެމުންގެންދާ ޙަމަލާތައް ހުއްޓައިލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާބެހޭ މަޝްވަރާތަކަށް ތައްޔާރު ކަމަށް ޙަމާސްއިން ބުނެއެވެ.