ޚަބަރު

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމާބެހޭ އދގެ ޤަރާރަށް ވޯޓު ދިނުން ފަސްކޮށްފި


ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމާބެހޭ ޤަރާރަށް އދގެ ސަލާމަތީ މަޖިލީހުން ވޯޓު ދިނުން ފަސްކޮށްފިއެވެ.

ޢަރަބި އެކުވެރި ޢިމާރާތް (ޔޫއޭއީ)އިން އިސްނަގައިގެން ހުށަހަޅައިފައިވާ އެ ޤަރާރަށް 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން ވޯޓު ދިނުން ފަސްކުރަން ޖެހުނީ ޤަރާރުގައި ބޭނުންކޮށްފައި ހުރި ބަސްމަގާމެދު އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ކަން ޙައްލުކުރުމަށެވެ. އެ ގޮތުން އެ ޤަރާރުގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުން ދޭހަވާފަދަ ޢިބާރާތް ހުރި ކަމަށް އެމެރިކާއިން ބުނެއެވެ. އެ ޤަރާރުގައި ވަނީ އެއްގަމާއި ވައިގެ މަގުންނާއި ކަނޑު މަގުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމާއި ފަލަސްޠީނަށް އެތެރެވާ އިންސާނީ އެހީ ބަލައި ޗެކް ކުރުމަށް ޒިންމާ އދއަށް ދިނުމަށެވެ.

އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ވޯޓަށް އަހައިފިނަމަ އެމެރިކާއިން އެ ޤަރާރު ވީޓޯ ކޮށްފާނެ ކަމަށް ބެލެވެއެވެ. މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ޤަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

ޙަމާސްއާ ދެކޮޅަށް ދޭ ޙަމަލާތަކެއް ކަމަށް ބުނެ ފަލަސްޠީނުގެ ޢާންމުންނަށް އަމާޒުކޮށް އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 20،000އާ ގާތްކުރާ ޢަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.