ޚަބަރު

އީރާނުން ބުނީ ރަތްކަނޑުގައި ޙޫޘީން ދެމުންދާ ޙަމަލާތަކުގައި ބައިވެރިނުވާކަމަށް


ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުތަކަށް ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި އީރާނުން ބައިވެރިވާ ކަމަށް ކުރަމުންދާ ތުޙުމަތުތައް އެ ޤައުމުން ދޮގުކޮށްފިއެވެ. އީރާނުން އެ ގޮތަށް ބުނެފައި ވަނީ ޙޫޘީންގެ ޙަމަލާތަކުގައި އެ ޤައުމުން ފުރިހަމައަށް ބައިވެރިވާ ކަމަށް އެމެރިކާއިން ތުޙުމަތު ކުރުމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރާއިން ބުނީ ޙޫޘީން ޢަމަލުކުރަނީ އެ މީހުންގެ އަމިއްލަ މިނިވަން ކަމާއެކުގައި ކަމަށާއި އެ ކަމުގައި އެ ޤައުމުގެ އަތެއް ނޯންނާނެ ކަމަށެވެ. އަދި ޙޫޘީންނަށް ސިޔާސީ ގޮތުން ތާޢިދުކުރި ނަމަވެސް ހަތިޔާރު ފޯރުކޮށްނުދޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ވެރިރަށް ޞަންޢާ ހިމެނޭ ގޮތަށް ޔަމަނުގެ ބޮޑު ސަރަޙައްދެއްގައި ވެރިކަންކުރާ ޙޫޘީން ވަނީ ރަތް ކަނޑުގައި ދަތުރުކުރި 10 ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ޑްރޯން އަދި މިސައިލް ޙަމަލާ ދީފައެވެ. ޙޫޘީން އެ ޙަމަލާތައް ދީފައި ވަނީ ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރި ކުރުމުގެ ގޮތުންނެވެ.

އެމެރިކާއިން ތުޙުމަތު ކުރާ ގޮތުން އީރާނުން އަންނަނީ ހަތިޔާރާއި އެހެނިހެން ޖާސޫސީ މަޢުލޫމާތު ޙޫޘީންނަށް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޙޫޘީން އަތުގައި ރާޑަރެއް ނެތުމުން ކަމަށާއި އެ ޖަމާޢަތުން ބަރޯސާވަނީ އިރާނުން ފޯރުކޮށްދޭ ޖާސޫސީ އަދި ސިއްރު މަޢުލޫމާތަށް ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އަމިއްލައަށް ޖާސޫސީ ކަންކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހޫޘީން ބުނެއެވެ.

ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރުކުރާ އާގުބޯޓުތަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމަށް ޙޫޘީން ވަނީ ބުނެފައެވެ. ޙޫޘީންގެ ޙަމަލާތަކުން ބޯޓުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމެރިކާއިން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ. އެ ޙަރަކާތުގައި އިތުރު އެހެން ޤައުމުތަކުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއިން ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމަށް ޔަމަނަށް ޙަމަލާދީފި ނަމަ ރައްދުގައި އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދޭނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.