ޚަބަރު

ހަނގުރާމައިގެ ތައްޔާރީތައް އަވަސް ކުރުމަށް އުތުރު ކޮރެއާއިން ތައްޔާރުވަނީ


އެމެރިކާއިން މީގެ ކުރިން ނުފެންނަ ކުރިމަތިލުންތަކާ ދެކޮޅަށް ހަނގުރާމައިގެ ތައްޔާރީތައް އަވަސް ކުރުމަށް އުތުރު ކޮރެޔާގެ އެންމެ އިސްވެރިޔާ ކިމް ޖޮންގް އުން އެ ޤައުމުގެ އަސްކަރިއްޔާއަށް ޢަމުރުކުރައްވައިފިއެވެ.

އުތުރު ކޮރެޔާގެ ވެރިކަންކުރާ ޕާޓީގެ މުހިންމު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކިމް ވިދާޅުވީ އެމެރިކާއާ ދެކޮޅަށް މަސައްކަތްކުރާ ޤައުމުތަކާއެކު އެ ޤައުމުން ބާއްވަމުންދާ ގުޅުން އިތުރަށް ފުޅާކުރާނެ ކަމަށެވެ. އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުޙުމަތުކުރެއެވެ. ބަދަލުގައި އުތުރު ކޮރެއާއަށް އަސްކަރީ ގާބިލްކަން ކުރިއެރުވުމަށް ރަޝިޔާއިން އަންނަނީ އެހީތެރިވަމުންނެވެ.

އެ ބައްދަލުވުމުގައި ކިމް ވަނީ އައު އަހަރަށް އިޤްޠިޞާދީ ލަނޑުދަނޑިތައް ވެސް ކަނޑައަޅުއްވައިފައެވެ. އެއީ ޤައުމުގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން ޙާޞިލް ކުރުމަށް ނިންމި ނިންމުމެއް ކަމަށް ކިމް ވިދާޅުވިއެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އުތުރު ކޮރެޔާގައި ވަނީ ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން ކުރިމަތިވާ ކާބޯތަކެތީގެ ދަތިކަން އިތުރަށް ގޯސްވެފައި ވަނީ ކޯވިޑު-19ގެ ދުވަސްވަރު ޤައުމުތައް ފުރަބަންދުކުރުމުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އުތުރު ކޮރެޔާއިން އުފައްދާ ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މިންވަރު މިއަހަރު އިތުރުވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް އެ މިންވަރަކީ އެޤައުމުގައި ދިގުދެމިގެންދާ ކާބޯތަކެތީގެ ދަތިކަން ޙައްލުކުރުމަށް ބޭނުންވާ މިންވަރަށް ވުރެ މަދު މިންވަރެކެވެ.