އަންނަ ރަމަޟާންމަހުގެ ކުރިން ރާއްޖޭގެ 100އެއްހާ ރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް ރައްޔިތުންގެ ގާތަށް ދަތުރުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އެގޮތުން ކުރިންވެސް ނިންމަވާފައިވާގޮތަށް އެ ދަތުރުތައް އެންމެ ފުރަތަމަ ފަށްޓަވާނީ ތ. ގުރައިދޫންކަމަށާއި އެއަށްފަހު ކޮންމެ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށެއްގެ ގޮތުގައި ގުރައިދޫ ކަނޑައެޅުއްވީ އެރަށަކީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން އެމަނިކުފާނަށް ވޯޓު ލިބިވަޑައިގެންނެވި ރަށްކަމަށް ވުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު މުޅި ރާއްޖެ ކަވަރކުރުމަށްޓަކައި ވަކި ތާވަލެއް ތައްޔާރުކުރައްވައި ދަތުރުކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ދިއުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ރަށަކުންވެސް އެދޭ ތިމަންނަމެން ރަށަށޭ އެންމެ ފުރަތަމަ އަންނަން ވާނީ. އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައިވާނީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ ގިނައިން ވޯޓު ދެއްވި ރަށަށް. އެއީ ތ. ގުރައިދޫ. ގުރައިދޫއަށް އެންމެ ފުރަތަމަ ދަތުރު އޮންނާނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާވެސް ބައްދަލުކުރާނަން. ފަހަރުގައި އަންނަ ހަފްތާ ގުރައިދޫއަށް ދަތުރުކޮށްފާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ފުރަތަމަ ރަށަކަށް ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެރަށުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވަނީ 625 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ %74.05 އެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 219 ވޯޓާއެކު %25.95އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ. ރަށްރަށަށް ވަޑައިގަތުމުގެ ކުރިން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ބޭރުގެ މުހިއްމު ޤައުމުތަކަށެވެ. އެގޮތުން މިފެށޭ އަހަރުގެ ކުރީކޮޅު ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.