"އަހުރެންގެ ހަޔާތާއި ދެލޯ އަދި ފުރާނަ،" މިއީ ޣައްޒާގެ ފިރިހެނަކު، ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ އޭނާގެ އަންހެނުންގެ ކަފުނުގައި ލިޔެފައިވާ އަސަރުން ފުރިގެންވާ ބަސްކޮޅެކެވެ. "މިއީ އަހަރެންގެ މަންމަ. އަހަރެންގެ ހުރިހާ ވެސް މީހަކީ މިއީ،" ކަފުންލާފައިވާ އެހެން އަންހެނެއްގެ ކަފުނުގައި އޭނާގެ ދަރިފުޅު ލިޔެފައިވެެއެވެ. މިއީ، މިހާރު ޣައްޒާގައި ބަލައިލި ކޮންމެ ދިމާލަކުން ފެންނަ މަންޒަރެވެ. ހުރިހާ ހޮސްޕިޓަލެއްގެ ގޯތިތެރެ ފުރައިލާފައި ވަނީ ކަފުންލާފައިވާ މައްޔިތުންގެ ހަށިތަކުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 21,000 ފަހަނައަޅާފައެވެ. ޣައްޒާގެ ބަލައިލި ކޮންމެ ދިމާލަކުން ފެންނަ ހުދު ފޮތިން ކަފުންލާފައިވާ ހަށިތަކުން ރަމްޒުކޮށްދެނީ، ޖައްބާރު ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވަމުންދާ މީހުންގެ ޢަދަދުތަކެވެ.
ކަފުންލާފައިވާ ބައެއް ހަށިތަކުގައި ލިޔެފައި ވަނީ "ކާކުކަން ނޭނގޭ އަންހެނެއް" ނުވަތަ "ކާކުކަން ނޭނގޭ ފިރިހެނެއް،" މިހެނެވެ. މާނައަކީ، އެއީ ކާކުގެ ހަށިގަނޑެއް ކަން ދެނެގަނެވިފައި ނުވާ ކަމެވެ. އެ މީހުންގެ ހަށިތަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެއީ ކާކު ކަން ދެނެގަތުމަށް ހުރަސްއެޅިފައިވާ ކަމެވެ. އެއީ، ކޮންމެވެސް މަޔަކާއި ބަފައެއްގެ ދަރިއެކެވެ. ކުޑަ ކުއްޖެއްގެ މަޔެއް ނުވަތަ ބަފަޔެކެވެ. ބޭބެ ނުވަތަ ދައްތައެވެ. ނުވަތަ ޢާއިލާގެ ކޮންމެ ވެސް އެހެން މެންބަރެކެވެ. މީގެ އެތަކެއް ހާސް ބަޔެއްގެ ހަށިތައް މިހާރު ވެސް ވަނީ ވަޅުލާފައެވެ.
ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން ހުރަސްއަޅާފައިވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މުސްލިމުން ބަނޑުފުރާނަ މުއްތިކުރަން ބޭނުންވާ މިންވަރަށް ކާބޯތަކެއްޗެއް ނެތެވެ. ބޭސްފަރުވާއަށް ބޭނުންވާ ސާމާނެއް ނެތެވެ. އަދި، ޝަހީދު ކުރަމުންދާ މީހުންގެ ޢަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެ މީހުން ކަފުންލާން ބޭނުންކުރާނެ ހުދު ފޮތީގެ ދަތިކަން ވެސް މިހާރު ދަނީ ކުރިމަތިވަމުންނެވެ.
"އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. ކަފުންލާން ބޭނުން ކުރާނެ ވަޅިއާއި ކަތުރު ފަދަ ތަކެއްޗެއް ވެސް ނެތް. އަދި، ކަފުންލާން ބޭނުންވާ ހުދު ފޮތި ލިބުން ވެސް ވަނީ ދަތިވެފައި،" ޝަހީދު ކޮށްލާފައިވާ މީހުން ކަފުންލުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ މީހެއް ކަމުގައިވާ މުޙައްމަދު އަބޫ މޫސާ ކިޔައިދިނެވެ.
"ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދާ އެކު، އެ މީހުންގެ ހަށިތަކުގައި ކަފުންލާން ބޭނުން ކުރާ ހުދު ފޮއްޗަކީ މިހާރު ޔަހޫދީންގެ ލާއިންސާނީ ޤަތުލުއާންމު ރަމްޒު ކޮށްދޭ އެއް ނިޝާން. އެއިން ރަމްޒު ކޮށްދެނީ ޣައްޒާގެ ރައްޔިތުންގެ ކެކުޅުން،" އަބޫ ޔޫސުފް އަލް-ނަޖާރު ހޮސްޕިޓަލުގެ ޑިރެކްޓަރ މަރްވާން އަލް-ހަމްޞު ވިދާޅުވިއެވެ.