ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނެވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ތައްޔާރުކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕުން އެއްވެސް ބައްދަލުވުމެއް މިހާތަނަށް ބާއްވާފައި ނުވާނެކަމަށެވެ. އަދި ޕީޖީ ގުރޫޕުން ވަޒީރުންނަށް ރުހުންދިނުމާ ގުޅެގޮތުން ވަކި ގޮތެއް ނިންމުމަށް ރަސްމީ ސިފައެއްގައި ވާހަކައެއް ދައްކާފައިވެސް މިހާތަނަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް އޮތީ ވަރަށް ވަރުގަދަކޮށްކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްވެސް އެމްޑީޕީ ތައްޔާރަށް އޮތްކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަމަކީ ޤައުމީ ވާޖިބެއްގެގެގޮތުގައި ދެކިގެން މަސައްކަތް ކުރައްވާނެކަމަށާ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޝްވަރާކޮށްފައި ވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ކޮމިޓީ ރިޕޯޓް ނިމުމާއެކު ވިހާވެސް އަވަހަށް ރުހުން ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޕާލިމެންޓަރީ ގުރޫޕުން އެކީގައި އޮތްކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްޓަކައި މަޖިލީހުގައި އެދޭނެކަމަށް ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވިދާޅުވެއެވެ.
"ވަޒީރުންނަށް ރުހުން ދިނުމުގައި ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ވިއަސް އަޅުގަނޑުމެން މިތިބީ ތަައްޔާރަށް. ރުހުން ދިނުމުގެ މުޅި މައްސަލަ މިހާހިސާބަށް އިއިރުވެސް އެކަމުގައި ހުރިހާ އިސްނެގުމެއް ނަގާފައިވާނީ އެމްޑީޕީން. އަޅުގަނޑުމެން ދެކެނީ ޤައުމީ މިފަދަ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބު އަދާކުރަންޖެހޭނެކަމަށް." މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުން ގާނޫނުއަސާސީން ހުއްދަ ކުރާ ނަމަވެސް އެފަދަ ނިންމުމެއް ޕާޓީން މިހާތަނަށް ނުނިންމާކަމަށާ އެއްވެސް ކަހަލަ މަޝްވަރާއެއްވެސް ކޮށްފައިނުވާކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަގީންކަމާއެކީ ދަންނަވަން ބޭނުންވޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ސްޓޭންޑެއް އަދި އެކަމުގައި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއް ވެސް ކޮށްފައެއް ނެތް. އަދި ޕާޓީގެ ގޮތުން އެމްޑީޕީން ވެސް އަޅުގަނޑުމެންނަށް އެކަހަލަ އިރުޝާދެއް މިހާތަނަށް ލިބިފައެއް ނެތް. އެހެން ނަމަވެސް އިމްޕީޗްމަންޓަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް. ގާނޫނު ވެސް ހުއްދަ ކުރާ ކަމެއް. ދިވެހި ރައްޔިތުންގެ ބާރު ގަދަ ގޮތަށް ގާނޫނު އަސާސީގައި އޮންނަނީ،" ސަލީމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އެހެން ގާތް ޕާޓީތަކާއި ގުޅިގެން މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވާ، އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލުމަށް މަސައްކަތް ކުރަނެކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެފައެވެ. ނިޔާޒު ވިދާޅުވީ ވެރިކަންތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފެންނަ ކަމަށާއި ޕާޓީން މަޖިލީހަށް ހޮވޭ އަދަދަށް މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ.