ޚަބަރު

މާސްކުގެ އާގުބޯޓަކަށް ހޫޘީންގެ ވަރުގަދަ ޙަމަލަތަކެއް


ރަތް ކަނޑުގައި ދަތުރު ކުރަމުންދިޔަ މާސްކު ކުންފުނީގެ ކޮންޓެއިނަރު އުފުލާ އާގުބޯޓަކަށް ވަރުގަދަ ޙަމަލަތަކެއް ދިނުމުން އެ ސަރަޙައްދުން ދަތުރު ކުރުން މެދުކަނޑައިލަން އެ ކުންފުނިން އަނެއްކާވެސް ނިންމައިފިއެވެ. މާސްކުގެ އާގުބޯޓަށް ޙަމަލަ ދީފައި ވަނީ ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީންނެވެ. އުޅަނދަށް ޙަމަލަ ދޭން ހޫޘީން ވަނީ މިސައިލާއި ޑިންގީ ފަދަ ކުދި އުޅަނދުފަހަރު ބޭނުން ކޮށްފައެވެ.

ހޫޘީން ޙަމަލަ ދީފައި ވަނީ މާސްކް ހަންގްޖޯގެ ނަން ދީފައިވާ އުޅަނދަކަށެވެ. އެ ކުންފުނިން ބުނީ އެ އުޅަނދަށް ދީފައިވާ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށާއި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިޞްރުގެ ސުވައިސް ބަނދަރާ ދިމާލަށް އުޅަނދު ދަތުރު ކުރަމުންދާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

ސުއެޒެ ކެނެލްގެ މަގަކީ ރަތް ކަނޑާއި މެޑިޓެރޭނިޔަން ކަނޑު ގުޅައިދޭ މަގެކެވެ. އެއީ މެދުއިރުމައްޗާއި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ބަނދަރުތައް ވިލާތުގެ ޤައުމުތަކާ ގުޅުވައިދޭ އެންމެ ދަތުރުކުރު މަގެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް ވިޔަފާރި ކުރާ މުދަލުގެ 12 އިންސައްތަ ގެންދަނީ އެ މަގުންނެވެ. ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ މާސްކް ހަންގްޖޯ ބޯޓަށް ހޫޘީން ދިން ޙަމަލަތަކާ ގުޅިގެން، އެ މަގުން ދަތުރު ކުރުން ކުރިއަށް އޮތް 48 ގަޑިއިރަށް މެދުކަނޑައިލާފައިވާ ކަމުގައި އެ ކުންފުނިން ބުނެއެވެ.

ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން އިސްވެ ޑިސެންބަރު 19 ވަނަ ދުވަހު އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިޔަންގެ ނަމުގައި އަސްކަރީ ހަރަކާތެއް ވަނީ ފަށާފައެވެ. އެ ޙަރަކާތުގައި 20 ޤައުމަކުން ބައިވެރިވާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އެ ކަމަށް ޤައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނަމަވެސް، މާސްކުގެ ބޯޓަކަށް ހޫޘީން ޙަމަލަ ދިނުމުން އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އެމެރިކާގެ މަނަވަރުތަކުން ވަނީ ހޫޘީންގެ ތިން އުޅަނދަކަށް ޙަމަލަދީ 10 މީހުން ޝަހީދުކޮށްލާފައެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ މާސްކް ހަންގްޖޯއަށް ޙަމަލަދިނުމުގައި ބައިވެރިވި ހޫޘީންގެ ތިން އުޅަނދަކަށް ޙަމަލަދީ އެ އުޅަނދުތައް ފައްތައިލާފައިވާނެ ކަމުގައެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލަދޭން ފަށާފައި ވަނީ، ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެ ޙަމަލަތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ މުދާ އުފުލާ އާގުބޯޓުފަހަރަށް ކަމުގައި ހޫޘީން ބުނެއެވެ. ހޫޘީންގެ ޙަމަލަތަކާ ގުޅިގެން ރަތް ކަނޑުގެ މަގުން ކުރާ ވިޔަފާރިއަށް ހުރަސް އެޅިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.