ދެކުނު ކޮރެޔާގެ އިދިކޮޅު ޕާޓީގެ އެންމެ އިސްވެރިޔާ ލީ ޖޭ މިޔުންގަށް ވަޅީގެ ޙަމަލާއެއް ދީފިއެވެ.
ލީއަށް ޙަމަލާދީފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ބުސާން ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެ ޙަމަލާ އަމާޒުވެފައި ވަނީ ލީގެ ކަރުގެ ކަނާތްފަރާތަށެވެ. އެ ޙަމަލާ ދީފައިވަނީ ބޫސާންގައި ތަރައްޤީކުރަމުންދާ ވައިގެ ބަނދަރެއް ބައްލަވައިލެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ލީއަށް ޙަމަލާދިން މީހާ ވަނީ އެ ސަރަޙައްދުން ވަޤުތުން ހައްޔަރުކޮށްފައެވެ. އަދި ފަރުވާއަށް ލީ ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ.
ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ވަނީ އެ ޙަމަލާ ކުށްވެރި ކުރައްވައި އެއީ ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޔޫން ވަނީ ލީގެ ޙާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކޮށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައެވެ.
ލީގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ތުޙުމަތުކޮށް ދަޢުވާ އުފުލައިފައެވެ. އަދި އޭނާގެ މައްޗަށް ކޯޓުގައި ދަނީ ސަރިއަތް ހިންގަމުންނެވެ.
ބަޑި ގެންގުޅުމުގައި ހަރުކަށި އުޞޫލުތަކެއް ދެކުނު ކޮރެޔާއިން ގެންގުޅުނު ނަމަވެސް އެ ޤައުމަކީ އެހެނިހެން ހަތިޔާރު ބޭނުންކޮށްގެން ސިޔާސީވެރިންނަށް ޙަމަލާ ދިނުމުގެ ތާރީޚެއް އޮންނަ ޤައުމެކެވެ.