އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުން ލިބުނަސް، ރާއްޖެއަށް ހަގީގީ މާނައިގައި މިނިވަންކަން ލިބޭނީ ދިވެހިންގެ ކިބައިގައި އިޚްތިރާމްކުރުމުގެ އާދަ އަށަގަނެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އިޚްތިރާމްކުރުމުގެ ޤައުމީ ކެމްޕެއިން"ގެ މުހިންމުކަމާއި ގުޅޭގޮތުން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖެއަށް އިޤްތިޞާދީ، އުމްރާނީ އަދި މާލީގޮތުން ކިތަންމެ ގިނަ ކުރިއެރުމެއް ލިބުނަސް، އިޚްތިރާމް ކުރުމުގެ ސިފަ ނެތްނަމަ ހަގީގީ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި ދިވެހިންނަށް ކުރިއެރުން ލިބޭނީ، ދިވެހިންގެ ވިސްނުންވެސް ތަރައްޤީވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ އަސްލަށް ބަލާއިރު ދިވެހިންނަކީ އެކަކު އަނެކަކަށް އިޚްތިރާމް ކުރާ ރީތި އާދަތަކެއް ލިބިފައިވާ ބައެއް ކަމަށެވެ. ދިވެހިންގެ ރީތި އާދަތައް ނެތި ދިއުމަކީ ދިވެހިންގެ އަސްލު ނެތިދިއުން ކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ، ދިވެހިންގެ ވިސްނުން ހުންނަންވާނީ ދިވެހިންގެ މާޒީއާއި ދިވެހިންގެ އައިޑެންޓިޓީ ނުވަތަ ޝަހްސިއްޔަތާއި ގުޅިފައި ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަރަށް އެކަކު އަނެކަކަށް އިޚްތިރާމް ކުރާ ވަރަށް ރިވެތި އަޙްލާގެއްގެ މައްޗަށް ބިނާވެގެންއައި ބައެކޭ. އެހެންވީމަ އަޅުގަނޑުމެންގެ އައިޑެންޓިޓީއަށް އަނބުރާ ނުދާނަމަ، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކޮށް, އަޅުގަނޑުމެންގެ އަސްލަށް ރުޖޫއަވެގެން ކުރިއަށްދާން ނުވިސްނާނަމަ ހަގީގީ މިނިވަންކަމެއް ނާދޭ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެކަކު އަނެކަކަށް އިޚްތިރާމް ނުކުރުމުގެ މައްސަލައަކީ ރާއްޖޭގައި މިހާރު ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އޮތް އިޚްތިރާމް ކުރުމުގެ ސިފަ ނެތި ދިޔަ މައިގަނޑު ސަބަބަކީ ސިޔާސީ އޮއިވަރު ކަމަށެވެ. އަދި ސިޔާސީ މަޤްސަދެއްގައި ދިވެހިންގެ ކިބައިން އިޚްތިރާމް ކުރުމުގެ އާދާ ނައްތާލީ ނިޒާމީ ގޮތެއްގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ބޭނުމެއްގައި އަޅުގަނޑުމެންގެ ތެރޭގައި އިޚްތިރާމް އަދާކުރުމުގެ ރޫހު ނައްތާލެވުނީ ސްޓްރަކްޗަރޑް ގޮތަކަށް. އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ ވެރިންނާއި، މިހެންގޮސް އެތަށް ފަރާތްތަކަކާއި ދެކޮޅަށް ކެރެކްޓަރ އެސޭސިނޭޓް ކުރުމާއި، އިޚްތިރާމް އަދާކުރުމަކީ އެއްގޮތަކަށް ވެސް މުހިންމުކަމެއް ނޫންކަން އިންސްޓިލްކުރީ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
"އިޚްތިރާމްކުރުމުގެ ޤައުމީ ކެމްޕެއިން"އަކީ، އެންމެން ޝާމިލްވާ ޤައުމީ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެއްދުވަހަކުން ދެ ދުވަހަކުން ނިންމާލެވޭ ވަރަށްވުރެ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، "އިޚްތިރާމް ކުރުމުގެ ޤައުމީ ކެމްޕެއިން" މަދުވެގެން 3 އަހަރު ދުވަހަށް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގައި ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހިމެނެއެވެ.