ޚަބަރު

މެޑިކަލް ޗެކަޕްއާއެކު އާސަންދަ ސްކީމްގެ ތެރެއިން ކުރާ ޚަރަދުތައް މަދުކުރެވޭނެ: ހީނާ


  • މެޑިކަލް ޗެކަޕް ފެށުމަށްފަހު އެއްކޮށް ފުރިހަމަ ކުރުމަށް އިލްތިމާސްކުރޭ

  • ޗެކަޕް ފުރިހަމަކުރުމުން ބޮޑެތި ބަލިތައް ޖެހިފައިވާ ކަމުގެ ފުރަތަމަ އަލާމާތްތައް ފެންނާނެ

  • ރާއްޖޭގައި ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނަކުން ޚިދުމަތް ލިބޭނެ

އާސަންދަ ސްކީމްގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ދިނުމުގެ ޚިދުމަތް ފަށާފައިވާއިރު، މިކަމުގެ ސަބަބުން އެ ސްކީމްގެ ތެރެއިން ކުރާނެ ޚަރަދުތައް މަދުކުރެވިގެންދާނެކަމަށް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހީނާ ވަލީދު ވިދާޅުވީ، މެޑިކަލް ޗެކަޕްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރުގެ ހޮޕިޓަލުތަކުންނާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން މި ޚިދުމަތް ފެށިގެން ދިއުމުގެ ސަބަބުން އާސަންދައިގެ ދަށުން ކުރާ ޚިދުމަތްތަކަށް ބޮޑު ޚަރަދެއް ނުހިނގާނެކަމަށެވެ.

ހަމައެއާއެކު ބޮޑު ކިއުގައި ޖެހުމުގެ ބަދަލުގައި ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު މެޑިކަލް ޗެކަޕްގެ ޚިދުމަތް ހޯދުމަށް މިއީ ލިބިގެންދާ ފަހި ފުރުޞަތެއްކަން ހީނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިމެނޭ ސަރުކާރުގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުޒަތުތައް އަދި އެނޫންވެސް ޞިއްޙީ ޚިދުމަތްދޭ ތަންތަނުން މެޑިކަލް ޗެކަޕްގެ ޚިދުމަތް މިހާރު ލިބެމުންދާނެކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ. ހީނާ ވަނީ މެޑިކަލް ޗެކަޕް ހެދުމަށް ނަން ނޯޓު ކުރާ އެންމެހާ ފަރާތްތަކުން ޗެކަޕް އެއްކޮށް ފުރިހަމަ ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"އާސަންދައިގެ ދަށުން މި ޚިދުމަތް ދެވެން ފެށުމަކީ އޭގެ ސަބަބުން ރައްޔިތުންގެ އަތުން އިތުރު ޚަރަދެއް ނުކޮށް ޞިއްޙީ ޙިދުމަތް ހޯދުމަށް ލިބޭ ފުރުޞަތެއް. މިކަމުގެ ސަބަބުން ސަރުކާރަށާއި ރައްޔިތުންނަށް ފައިދާކުރާނެ. ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކުން މި ޗެކަޕްގެ ޚިދުމަތް ލިބިގަތުމުން ކުރިއަށް ކަން ކުރަންޖެހޭ ގޮތް އެނގިގެންދާނެ." ހީނާ ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމަން އާސަންދައިގެ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޒީނިޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތްތަކުގެ އަގު ބޮޑު ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ.

އެގޮތުން އާސަންދައިން ރާއްޖޭން ބޭރާއި ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ އަގު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"މިހާރު ހުރި ޞިއްޙީ ޚިދުމަތްތަކުގެ އަގުތަތަކީ އަސްލު އަގުތަކެއްގައި ހެދިފަހުރި ޚިދުމަތްތަކެއްތޯ ޗެކު ކުރުމަކީ އާސަންދައިން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް. އެއާއެކު ވަކި ޕްރޮސިޖާއަކަށް ޕެކޭޖް ޕްރައިސް ހެދުމަށް ފަސޭހަވެގެންދާނެ. އެގޮތުން އެ ޕެކޭޖް ޕްރައިސް ހެދުމާއެކު އަޅުގަނޑުމެންގެ ސްކީމްގެ ތެރެއިން ދޭނީ. އެހެންވީމާ އެއީ ޙިދުމަތުގެ އަގުކުޑަކުރުމަށް ކުރެވިދާނެ މުހިންމު ކަމެއް." ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ، ވޯލްޑް ބޭންކް ފަދަ ތަންތަނުން ކަނޑައެޅިފައިވާ އަގުތަކުގެ މަތިން ޞިއްޙީ ޚިދުމަތް ދޭން އަބަދުވެސް ލަފާ ދެއްވާކަމަށެވެ. އޭގެ އިތުރުން މިއީ އާސަންދައިން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށާއި، އަސްލު އަގުތަކާއެކު ޞިއްޙީ ޚިދުމަތްތަކުގެ ޕެކޭޖުތައް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޒީނިޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި، ސަރުކާރުން މިވަނީ ބޮޑެތި ބަލިތައް ޖެހިފައިވާކަމުގެ އަލާމާތް ދުރާލާ ދެނެގަނެވޭނެ ގޮތާއި، ބޮޑެތި ބަލިތަކަށް ކުރާ ޚަރަދުތައް ކުޑަކުރެވޭނެ އިންތިޒާމް މެޑިކަލް ޗެކަޕްއާއެކު ފަށްޓަވާފައެވެ.