ޚަބަރު

ޖަޕާން ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 73 އަށް


ޖަޕާނުގެ މެދުތެރޭގައި އޮންނަ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 73އަށް އަރައިފިއެވެ. ޖަނަވަރީ 1 ވަނަ ދުވަހު އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.5ގެ ބާރުމިނުގައެވެ. އެ ބިންހެލުމުގައި އިޝިކަވާގެ އިތުރުން ނީގަތާއާއި ޓޮޔާމާ ޕުރޮވިންސަށް ބޮޑެތި ގެއްލުންތައް ލިބި، ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓުނެވެ. އަދި ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.

އެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 73 އަށް އަރާފައިވާއިރު، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ބޯކޮށް ވާރޭވެހުމާއި، އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ ސަބަބުން އެ މަސައްކަތަށް ދަނީ ހުރަސް އެޅެމުންނެވެ. އަދި، ވާރެޔާއިން ފިނީގެ ސަބަބަބުން ބިންހެލުމުގައި ގެދޮރު ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެފައެވެ.

ޖަޕާންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ބިންހެލުން އައިސްފައިވާ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މޫސުން ގޯސްވާނެ ކަމުގައެެވެ. އަދި، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ބިރު ހީވެފައިވާއިރު، ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފައެވެ. މި ފަދަ ހާދިސާތައް ހިނގައިފިނަމަ، އިތުރު ބަޔެއްގެ ފުރާނަ ގެއްލުމުގެ ފުރުޞަތު އޮތް ކަމުގައި އެ އިދާރާއިން ބުނެއެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިޝިކަވާގެ އައްސޭރިފަށުގައި އޮންނަ ރަށެއް ކަމުގައިވާ ސުޒޫއަށެވެ. 13,000އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި ބިނާކޮށްފައިވާ ގެދޮރުގެ 90 އިންސައްތަ ވެއްޓި ސުންނާފަތިވެފައިވާ ކަމުގައެވެ. އަދި އެ ބިންހެލުމުގައި ލިބިފައިވާ ގެއްލުންތައް އަދިވެސް ފުރިހަމައަށް ވަޒަން ކުރެވިފައި ނުވާ ކަމުގައެވެ. ބިންހެލުމުގައި އިޝިކަވާއިން ވަނީ 65 މީހުން މަރުވެފައެވެ.

ޖަޕާނަށް އެ ފަދަ ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 20,000އެއްހާ މީހުން މަރުވިއެވެ. އަދި، ގިނަ ޢަދަދެއްެގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ބިންހެލުމާ ގުޅިގެން ފުކުޝިމާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނިއުކްލިޔަރ ކާރިސާއެއް ހިނގުމުގެ ބިރު ހީވިއެވެ.