ބިދޭސީންގެ މައްސަލައަކީ ވަށައިޖެހޭ ހައްލެއް އަންނަންޖެހޭ ކަމެއްކަމަށާއި މިހައްލު ގެނެވޭނީ އެންމެންގެ އެއްބާރުލުމާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
"ނޭޝަން ޗެޓު" ގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ފޮނުވާލަންޖެހޭ ގިނަ އަދަދެއްގެ ބިދޭސީން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮނުވާލެވިފައިވާ ކަމަށެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ބަޔޯމެޓްރިކްސް ނުނަގާ ތިބީ 1 އިންސައްތަ ބިދޭސީން ކަމަށެވެ.
ބިދޭސީން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިނަ ފަހަރަށް ފަސޭހައަކަށްޓަކައި ވިޔަފާރި ހިންގަން ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން ދިވެހިން ކުރާ ވިޔަފާރީގެ ވައްޓަފާޅިއާއި، މަސައްކަތްތަކަށް ދިވެހިން ހޯދުމުގައި ހުރި ދަތިތަކަކީވެސް މި މައްސަލައާ ގުޅިފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަދަ ކަންކަމަކީ މިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން. މީ ހަގީގަތުގައި ވަށާޖެހޭ ސޮލިއުޝަނެއް އަންނަންޖެހޭ ކަމެއް. މިކަމުގައި އަމިއްލަ ފަރުދުންނާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ދާއިމީ ހައްލެއް ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް." ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ޖޫން މަހުގެ 13ގެ ނިޔަލަށް 12،552 މީހުން އަނބުރާ ޤައުމަށްވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދުވަނީ، 208،937އަށް މައްޗަށް އަރާފައެވެ. މީގެ އިތުރުން 10 އިނގިލީގެ ނިޝާނާއި، ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދުވެސް ވަނީ 2 ލައްކައިން މައްޗަށް އަރާފައެވެ.