ސިއްހަތު

ޞިއްޙީ ދާއިރާގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް


ޞިއްޙީ ދާއިރާގައި ސަރަހައްދީ ފެންވަރުގައި، ހަރުދަނާ ގިނަކާމިޔާބީތަކެއް ދިވެހި ރާއްޖެއަށް ޙާސިލް ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ،ސިއްޙީ ދާއިރާއިން މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. ރާއްޖެއަކީ ވަސީލަތްތައް މަދު ޤައުމެއް ނަމަވެސް މިއަދުރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި އެހެން ޤައުމުތަކާ އެއްވަރަށް އަޑު އުފުލަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، ސާސްކަފް ލަނޑުދަނޑިތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑި ތަކެއްމިހާރު ހާސިލްވެފައިވާކަމަށެވެ.

މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މުޅި ދުނިޔެއަށްބެލި ނަމަވެސް، ދައުލަތެއްގެ ބަޖެޓުން ވެކްސިން ގަންނަ ހަމައެކަނިގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. މީގެއިތުރުން ސިއްޚީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި މިގޮތުން މިދިޔަ އަހަރު އެކަނިވެސް 641 މިލިޔަން ރުފިޔާ އަތޮޅުތަކުގެ ސިއްޚީ ހިދުމަތް ތަރައްޤީ ކުރުމަށް ހޭދަކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހި ރާއްޖޭގައި ހަކުރުބައްޔަށް މަގުފަހިވާފަދަ ކަންކަން ކުރުން މިހާރު އާންމުވެފައިވާކަމަށެވެ. މިގޮތުން އެނާޖީ ޑްރިންކްސް ފަދަ ބާވަތައްތަކާއި ހަކުރު ބައްޔާ އޮންނަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ސިއްޚީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން، 1970 ވަނައަހަރު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ވިހެއުމުގެ ތެރޭގައިމަރުވާ ކުދިންނާއި މައިންގެ އަދަދު އެންމެ ގިނަ ޤައުމަކީ ރާއްޖެ ކަމަށާއި ނަމަވެސް މިއަދު ވިހެއުމުގެ ތެރޭގައި މައިން މަރުވާ ރޭޓު އަދި ތުއްތުކުދިން މަރުވާ ރޭޓްއެންމެ ދަށް އެއް ޤައުމަކީ ރާއްޖެއަށް ވުމަކީ ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެތެރެއިން މެލޭރިއާ ނައްތާލެވިފައިވާ ޤައުމުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންދޭ ސަނަދު ހާސިލްކޮށްފައިވާ ޤައުމެއްކަން ފާހަގަކުރައައްވަމުން މިނިސްޓަރ ވިދާޅުވީ، ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ މަގާމް އަންނަ ޖޫން މަހުގެ ތެރޭގައި ރާއްޖެއިން ހާސިލް ކުރާނެކަމަށެވެ.