މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށްފަހު އެކުލަވާލި އިނގިރޭސި ގައުމީ ޓިމުގެ ސްކޮޑުގައި އެލެކްޒެންޑާރ އާނޯލްޑް އާއި ކޯލް ޕާމާ ހިމަނައިފިއެވެ.
ނޭޝަންސް ލީގުގައި ކުރިއަށް އޮތް ހަތަރު މެޗަށް ކޯޗު ތޯމަސް ޓުޗެލް އެކުލަވާލި ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމަނާފައިވާއިރު ވޯލްޑްކަޕްގެ ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމަނާފައިނުވާތީ އޭރު އޭނާއަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.
އުމުރުން 27 އަހަރުގެ އެލެކްޒެންޑަރ އާނޯލްޑް އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު އެންޑޯނާ އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި މެޗުގައެވެ. ކޯލް ޕާމާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ މި އަހަރުގެ މާޗު މަހު ޖަޕާން އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވި މެޗުގައެވެ.
މި ފަހަރުގެ ސްކޮޑު އިއުލާން ކުރުމަށްފަހު ޓުޗެލް ބުނެފައިވަނީ ސްކޮޑުން ފުރުސަތު ދީފައިވާ ކުޅުންތެރިންނަކީ މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ރަގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިން ކަމަށެވެ. އަދި ކޯލް ޕާމާ އާއި އެލެކްޒެންޑަރ އާނޯލްޑް މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ކުޅުންތެރިންނަށް ގައުމީ ސްކޮޑުން ފުރުސަތު ހައްގުކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.
މި ފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި ލީޑްސް ޔުނައިޓެޑް ޑޮމިނިކް ކެލްވަޓް ލެވިން އާއި ނިއުކާސަލް ޔުނައިޓެޑްގެ ލެވިސް ހޯލް އަދި ބްރައިޓަންގެ ގޯލުކީޕަރު ޖޭސަން ސްޓީލްގެ އިތުރުން އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ ހިމެނެއެވެ.
ސްކޮޑުން މި ފަހަރު ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެންގެ އިތުރުން އަނިޔާގެ ސަބަބުން ރީސް ޖޭމްސް, ޑީން ހެންޑަސަން, ޖޯޑަން ހެންޑަސަން, ޖޯން ސްޓޯންސް އަދި ޖެޑް ސްޕެންސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
ލީގުގައި މިހަފްތާގައި ކުޅޭ މެޗުތަކަށްފަހު އަންނަ އިންޓަރނޭޝަނަލް ބްރޭކްގައި އިންގްލެންޑް ހަތަރު މެޗު ކުޅޭނެ އެވެ. އެއީ 26 ސެޕްޓެމްބަރގައި ލަންޑަނުގެ ވެމްބްލީގައި ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅޭ ދެ މެޗުގެ އިތުރުން ކްރޮއޭޝިޔާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.