ޚަބަރު

ޗައިނާއާއި ރާއްޖޭގެ ވެރިން ދެއްވީ އިތުރަށް ގުޅުން ވަރުގަދަ ކުރައްވާނެކަމުގެ ޔަގީންކަން


  • ޗައިނާއާއި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވި

  • ރާއްޖޭގެ ތަރައްޤީގައި ޗައިނާގެ ދައުރު މުހިއްމުކަން ފާހަގަކުރެއްވި

  • އިތުރު ދާއިރާތަކުން ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވި

މުސްތަޤްބަލްގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނޭކަން ޔަގީންކުރައްވާކަމަށް ޗައިނާއާއި ރާއްޖޭގެ ލީޑަރުން ވިދާޅުވެއްޖެއެވެ،

މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ޝީ ޖިން ޕިންއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައެވެ.

ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ދެ ޤައުމުގެ ވަޒީރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެެރުމުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމާއި މަތީ ތައުލީމާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައި ޗައިނާއިން ފޯރުކޮށްދޭ ދީލަތި އެހީތެރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްދެއްވި ކާމިޔާބީ ފާހަގަކުރައްވައި، އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒުގެ ޒައާމަތާއެކު ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދާނޭކަމަށް ޔަގީންކުރައްވާކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައި ބްލޫ، ގްރީން އަދި ޑިޖިޓަލް އިކޮނޮމީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖޭގެ ރައީސުން ވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ބެއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ތަރައްްޤީގެ މަޝްރޫޢުތައް ހިންގުމަށް 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.