ޗައިނާގެ ރައީސް ޝީ ޖިންގޕިންއާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަމަށާއި، އެ މަޝްވަރާތަކުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ ޕްރިމިއާ ލީޗިންއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޗައިނާގެ ޕްރިމިއާ ލީޗިންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށެވެ. އަދި ޗައިނާއަށް ވަޑައިގަތުމަށް އެރުވި ދައުވަތަށް ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިނާއާއެކު ޤާއިމްކުރި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، މި ދަތުރުފުޅުން ދެޤައުމުގެ ގުޅުން އައު ހަރުފަތަކަށް ދާނެކަމަށެވެ.
މި ބައްދަލުވުމުގައި ޗައިނަގެ ޕްރިމިއާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ބިނާކުރަނިވި އަދި ދެޤައުމަށްވެސް ފައިދާހުރި މަޝްވަރާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެޤައުމު ގުޅިގެން ސިޔާސަތުތައް އެކަށައަޅާއި ދެޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މަގުފަހިވެފައި އޮންނާނެކަން އޭނާ ފާޙަގަކުރެއްވިއެވެ.
ޗައިނާގެ ޕްރިމިއާގެ ވާހަކަފުޅުގައި ވަނީ ރައްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތްކަމަށާއި، ޗައިނާ ސަރުކާރާ ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ ޕްރިމިއާއާއި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން ޒައައޯ ލެޖީއާއިވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައިވެސް ދެބޭފުޅުން ވަނީ ޗައިނާއާއި ރާއްޖޭގެ ރައީސުން ބޭއްވެވި މަޝްވަރާތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.