ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެއީ ގަނާކުރުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދަތުރުފުޅާ ބެހޭ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދޭތެރޭ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރަށް ނަމޫނާ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެތައް 100 އަހަރެއްވީ މި ގުޅުމަށް ސިޔާސީ ގުޅުން އުފެދުނުފަހުން ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން ބިނާވެގެންވަނީ 4 އަސާސެއްގެ މައްޗަށް ކަމަށެވެ. އެއީ، މިއުޗުއަލް ރެސްޕެކްޓް، ސޮވެރިން އިކުއަލިޓީ، ޓެރިޓޯރިއަލް އިންޓަރގްރިޓީ އަދި ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި މި ހުރިހާ ކަމަކަށް ވެސް ޗައިނާއިން އިޙްތިރާމް ކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ވަން ޗައިނާ ޕޮލިސީ ފުރިހަމައަށް ޤަބޫލްކުރާ ކަމަށާއި އެ ކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ޗައިނާއިން ވެސް ރާއްޖޭގެ އިސްތިޤްލާލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ އިންޑިޔާ ކަނޑުގައި ރާއްޖޭގެ ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ވަރަށްބޮޑު ކަމަށެވެ. އެގޮތުން ރާއްޖެއަކީ 9 ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާ ކަނޑުގައި އެއް ޤައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ޤައުމަކަށް ވާނީ ރާއްޖެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ކަނޑަކީ ވަކި ޤައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި އެ ކަނޑަކީ އެ ކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ޤައުތަކަށް ވެސް ނިސްބަތްވާ ކަނޑެއް ކަމަށާއި އެއްވެސް ޤައުމަކަށް ނިސްބަތްވާ ނުވާ ސަރަހައްދު މާބޮޑު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގަ އޮތް ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. އެހެންވީމަ މިޓެރިޓޯރިއަލް އިންޓަރގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގަ ދާދިފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއްގޮނޑިން ތެދުވެ އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކިބަޔެއްގެ ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތަކީ ދެ ޤައުމުގެ ދޭތެރޭ ގުޅުން ބޭއްވުމުގެ އޮންނަންޖެހޭ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ޤައުމަކާ ދޭތެރޭގައި ވެސް ރާއްޖެއިން ގުޅުން ޤާއިމްކުރަން ބޭނުން ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްވެފައި އޮތް ހަތަރު އަސާސްގެ މައްޗަށް ކަމަށެވެ. އަދި އެ އަސާސްތައް ޤަބޫލްކުރާ ހުރިހާ ޤައުމަކާ ވެސް ގުޅުން ޤާއިމް ކުރައްވާނެ ކަމަށާއި ރާއްޖެއިން ޤަބޫލްކުރާ ޤަބޫލްކުރުމަކީ ވެސް އެއީ ކަމަށެވެ.