ޚަބަރު

ޢާޒިމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ


  • ރައީސުލްޖުމްހޫރިއްޔާ އާޒިމަށް މަރުހަބާ ވިދާޅުވީ ފޯނުން ގުޅުއްވައި

  • ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށާއި މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވި

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގަތް އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އާޒިމްއަށް މަރުހަބާ ވިދާޅުވީ ފޯނުން ގުޅުއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އާދަމް އާޒިމަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މާލޭސިޓީ މޭޔަރުކަމަށް އާޒިމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުލީ މީހުންގެ %45 އާއެކުއެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރެވެ.

މާލެ ސިޓީގެ މޭޔަރު އިންތިޚާބު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ.މުހައްމަދު މުއިއްޒު ހޮވިވަޑައިގަތުމާ ގުޅިގެން މޭޔަރުގެ މަޤާމުން އެމަނިކުފާނު އިސްތިއުފާދެއްވުމުންނެވެ.