ޚަބަރު

ސަރަހައްދީ އެންޓި ޑޯޕިންގ ޖަމްޢިއްޔާގެ އޮފީސް ރާއްޖޭގައި


ދެކުނު އޭޝިޔާ ސަރަޙައްދުގެ އެންޓި ޑޯޕިންގ އޮފީސް ރާއްޖޭގައި ހުޅުވަން ސައުތް އޭޝިޔާ ސަރަޙައްދުގެ އެންޓި ޑޯޕިންގ އޯގަނައިޒޭޝަން (ސަރާޑޯ)އިން ނިންމައިފިއެވެ. 

މޯލްޑިވްސް އޮލިމިޕިކް ކޮމިޓީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ އެންޓި ޑޯޕިންގ އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް ރޮބް ކޯލާ ވިދާޅުވީ ރާއްޖޭގައި ދެކުނު އޭޝިޔާ ސަރަޙައްދުގެ އޮފީސް ހުޅުވަން ނިންމީ މެންބަރު ޤައުމުތަކުގެ ފުރިހަމަ ތާއީދާއި އެކުކަމަށެވެ. 

ހުރިހާ މެމްބަރު ޤައުމަކުންވެސް ބޭނުންވަނީ ދިވެހިރާއްޖެއަށް މި ފުރުސަތު ދޭންކަމަށާއި، މިކަމާއި ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރާއި މިއަދު ކޮށްފައިވާނެކަމަށެވެ. މިއަދު ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި މި އޮފީސް ރާއްޖޭގައި ހުޅުވުމާއި ގުޅޭ ގޮތުން ސަރުކާރުން ދެކޭގޮތުގެ އިތުރުން ލިބިގެންދާނެ އެހީތެރިކަމާއި ގުޅޭ ގޮތުންވެސް ވާހަކަ ދެކެވިފައިވާނެކަމަށް ރޮބް ފާހަގަކުރެއްވިއެވެ.

"މެމްބަރު ޤައުމުތަކުގެ ނިންމުމެއް މީ، މިއަދު ކުރި މަޝްވަރާތަކުގައި ބެލީ ރާއްޖޭގައި މި އޮފީސް ހުވުމަށް ކުރަންޖެހޭ ކަންތަކާއި މެދު، މާދަމާ ސަރާޑޯގެ ބައްދަލުވުމުގައި ހުރިހާކަމެއް ފައިނަލްވާނެކަމަށް މި ބަލަނީ" ރޮބް ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސަރާޑޯގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޔޫތް މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއަށް ރޮބް ގޮވާލެއްވިއެވެ. މި ބައްދަލުވުމުގައި އޭޝިޔާގެ އޮލިމްޕިކް ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ކެޕްޓަން ހުސައިން އަލް މުސައްލަމް އަދި ދުނިޔޭގެ އެންޓި ޑޯޕިންގ އޭޖެންސީގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.