ދޯނިތަކުގައި ޑައިވްކުރާ އެންމެންނަކީވެސް ލައިސަންސް ލިބި ރައްކާތެރި ގޮތުގައި ޑައިވް ކުރާ ބަޔަލަށްވުމަކީ ކުރަމުން އައި ވަރަށްބޮޑު އުންމީދެއް ކަމަށް ޑައިވް އިންސްޓްރަކްޓަރ ޒޫނާ ނަސީމް ބުނެފިއެވެ. ޒޫނާ މިހެން ވިދާޅުވީ މަސްވެރިންނަށް ޚާއްސަ ރެސްކިއު ޑައިވާރސް ޕްރޮގްރާމް ފެށުމަށް މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
ޒޫނާ ބުނީ ޑައިވަރުން ތަމްރީން ކުރާ ފަރާތެއްގެ ހައިސިއްޔަތުން މިއީ ވަރަށް ދެކެން ބޭނުންވެފައި ހުރި ދުވަހެއްކަމަށެވެ. އަދި މަސްވެރިން މިހާރު ޑައިވްކުރަމުން އަންނަނީ ކުރުން އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރަންޖެހެނީ ކީއްވެގެން ކަން އެނގޭވެސް ކަމަށް އޭނާ ބުންޏެވެ.
ޒޫނާ ބުނީ ރެސްކިއު ޑައިވަރެއްގެ ބޭނުމަކީ ދޯނިމަތީގައި ޑައިވްކޮށްގެން ކަމެއް ދިމާވާ ހިނދު އިތުރަށް ގެއްލުމެއް ވިޔަނުދީ ފަރުވާ ދެވޭ ހިސާބަށް ގެންދެވެންދެން އޭނާ ރައްކާތެރި ގޮތުގައި ބެލެހެއްޓުން ކަމަށެވެ. އެގޮތުން ރެސްކިއު ޑައިވަރަކާއި ހަމައަށް ދެވޭނީ ވަރަށް ގިނަ ހަރުފަތް ތަކެއް ގިރާކޮއްފައި ކަމުގައިވެސް އޭނާވަނީ ވިދާޅުވެފައެވެ.
ރެސްކިއު ޑައިވަރަކާއި ހަމައަށް ދެވޭނީ ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްފައި ކަމަށާއި، ރެސްކިއު ޑައިވަރަކާއި ހަމައަށް ތަމްރީންވާނަމަ އޯޕަން ވޯޓާރ ޑައިވާރ ކޯހެއް ފުރިހަމަ ކުރަންޖެހެއެވެ. މިކޯހުގައި ދަސްކޮށްދޭނީ އަމިއްލައަށް ޑައިވްކޮށް އަމިއްލައަށް އުޅެންކަމަށް ޒޫނާ ބުންޏެވެ. އަދި އެއަށްފަހު ރެސްކިއު ޑައިވާރ އާއި ހަމައަށް ދެވެނީ އެޑްވާންސް ކޯހެއްވެސް ފުރިހަމަ ކުރުމަށްފަހުއެވެ. އެޑްވާސް ކޯސް ފުރިހަމަ ކުރާ މީހާއަށް ޑައިވް ކުރުމުގެ ހުއްދަ ލިބެނީ 30 މީޓަރަށް ކަމަށާއި، އަދި ރެސްކިއު ޑައިވާރ ހަދާ މީހާއަށްވެސް އެންމެ ފުނަށް ޑައިވްކުރުމުގެ ހުއްދަ ލިބެނީ 30 މީޓަރަށް ކަމަށް އޭނާ ބުންޏެވެ.
ޑައިވް ކުރާނަމަ ތަމްރީނަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ޒޫނާ ވަނީ ފާހަގަކޮށްފައެވެ.
"އުންމީދަކީ މުސްތަގްބަލްގައި ދޯނިތަކުގައި ޑައިވްކުރާ އެންމެންނަކީވެސް ލައިސަންސް ލިބިގެން އެކަންތައް ރައްކާތެރި ގޮތެއްގައި ކުރާ ބަޔަކަށްވުން. އަދި މިނިސްޓްރީންވެސް ވިސްނަވާނެ، އަސްލު ފުނަށް މިފީނަނީ އަޅުގަނޑަށް އެނގޭ އެންދަމާން ކަންވެސް. އެކަމަކް އެހެން ގޮތްގޮތް ތާރަފްވެ، މިސާލަކަށް ބެއިޓް ފިޝަރީސް ކަހަލަ އެއްޗެއް ތާރަފުވެ އަޅުގަނޑުމެން ފުނަށް ފީނަން ނުޖެހޭނެ ގޮތްވުން އަޅުގަނޑުގެ އުންމީދަކީ." ޒޫނާ ނަސީމް ބުންޏެވެ.
ރެސްކިއު ޑައިވަރުން އުފެދިގެން ދޯނިތަކުގައި ތިބޭ ފީނާ ފަޅުވެރިންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް ޒޫނާ ބުންޏެވެ.