ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީޢަތް މިއަދު ފެށުމަށް ތަޢާވަލުކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
ނައީމާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވެއެވެ. އަދި މިއަދު މެންދުރު 13:00ގައި ޝަރީޢަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތަޢާވަލުކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.
ނަޢީމާގެ މަރުގެ މައްސަލާގައި ދައުވާކުރަނީ ނ. މަނަދޫ ވިނަރެސް ޙުސައިން ފަވާޒު އާއި، މަނަދޫ ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރު އާއި، މަނަދޫ ފިނިފެންމާގެ އަބްދުލް ވާހިދު ރިފާސްގެ މައްޗަށެވެ.
ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކަމަށް ހުސައިން ޝަމީމު ވިދާޅުވިއެވެ.
އެމީހުންގެ މައްޗަށް ދަޢުވާކުރަން ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެތިން މީހުންނާ ދެކޮޅަށް ކުރާ ދަޢުވާ ސާބިތުވާ ވަރަށް ސައިންޓިފިކް ހެކިތަކާއި، އޭގެ އިތުރުންވެސް އެހެންކަހަލަ ހެކިތައް ހުރި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވިއެވެ.
މަނަދޫ އަންނާރުމާގެ އުމުރުން 62 އަހަރުގެ ނާއިމާ މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު 1:00އާއި 03:30އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ނަޢީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ 2 ހަތިޔާރަކާއި އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ. އެތަކެތި ފުލުހުން ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އަޅާ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.