ޚަބަރު

ޢިމްރާން ހިމެނިވަޑައިގަންނަވާހެން ޢަދާލަތުގެ މަޖިލިސް ޓިކެޓު 4 މީހަކަށް


  • ޢަދާލަތުގެ ޓިކެޓު ދޭނެ މީހުން ކަނޑައެޅީ މަޝްވަރާ މަޖިލީހުން

  • އަދާލަތު ޕާޓީގެ ރައީސްވެސް އިންތިޚާބުގައި ވާދަކުރައްވާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރާނީ 4 ކެންޑިޑޭޓުންކަމަށް އެޕާޓީން ބުނެފިއެވެ.

މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ނިންމާފައިވާ ހަތަރު ދާއިރާއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން އެޕާޓީގެ ޓިކެޓު ދޭނެ މީހުން ކަނޑައެޅީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.

ޢަދާލަތު ޕާޓީގެ ޓިކެޓު ދޭން ކަނޑައެޅި މީހުންގެ ތެރޭގައި އެޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.

ޢަދާލަތު ޕާޓީން ޓިކެޓު ދީފައިވާގޮތް

- ޙުސައިން ޘަޤީފް/ ވައިކަރަދޫ ދާއިރާއަށް
- އައްޝައިޚް ޢިމްރާން ޢަބްދުﷲ/ މަކުނުދޫ ދާއިރާއަށް
- އިސްމާޢީލް ޙަމީދު/ ފުނަދޫ ދާއިރާއަށް
- އިސްމާޢީލް ޢަލީ/ އިނގުރައިދޫ ދާއިރާއަށް

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ އެއްވެސް މެންބަރަކު ހިމެނިވަޑައިނުގަންނަވައެވެ.

ޢަދާލަތު ޕާޓީގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަމުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީން ވަނީ ޕްރައިމަރީ ބާއްވާ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. އަދި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އަންނަނީ އަންނަ މަހު 3 ގައި ޕްރައިމަރީ ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.